March 15, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

ލަންކާއަށް ކުރިމަތިވި ތޫފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޔާމީން ތައުޒިޔާ ވިދާޅުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Dec 2, 2025, 03:46 AM

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ޑިޓްވާ ތޫފާނުގެ ބޮޑު ކާރިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

Advertisement

މި ތޫފާނުގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސަތޭކަޔަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހި، ގޯތިގެދޮރު ދޫކޮށްފައެވެ.

ރައީސް ޔާމީންގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިޓްވާ ތޫފާނުގެ ސަބަބުން ލަންކާއަށް ކުރިމަތިވި ހާލަތު ފެނިވަޑައިގަތުމުން އެމަނިކުފާނުގެ ހިތް ނުތަނަވަސްވެ، ހިތާމަ ކުރައްވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 200,000 އަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގޯތިގެދޮރު ދޫކޮށްފައިވާ ކަމަށާއި، ގިނަ ބަޔަކު އަދިވެސް ގެއްލިފައިވާ ކަމަށެވެ. އަދި 212 މީހުން މިހާދިސާގައި މަރުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ލަންކާއަކީ ދިވެހިންގެ އެތައް ހާސް ބަޔަކު ދިރިއުޅޭ ދެވަނަ ގޭބިސީ ކަމަށް ފާހަގަކުރައްވާފައެވެ. މި ހިތާމަވެރި ވަގުތުގައި، އެމީހުންގެ ލޯބިވާ ފަރާތްތަކާއި ދިރިއުޅުން ގެއްލިފައިވާ ހުރިހާ އެންމެންނަށް އެމަނިކުފާނުގެ ހަމްދަރުދީއާއި ތައުޒިޔާ އަރިސް ކުރައްވާފައިވެއެވެ.

ރައީސް ޔާމީން ވަނީ މި ހިތާމަޔާއި އުއްމީދު ގެއްލިފައިވާ ދަނޑިވަޅުގައި ލަންކާގެ ރައްޔިތުންނަށް މާތް ﷲ ބަރަކާތް ލައްވުމަށް އެދި ދުޢާ ކުރައްވާފައެވެ. އަދި މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ހިތްވަރު ލިބިދެއްވުން އެދިވެސް ދުޢާ ކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved