

ރާއްޖޭގެ އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހްމަދު މަޚްލޫފް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ޔޫތު ބެޑްމިންޓަން މުބާރާތެއްގައި ރަން މެޑަލް ހޯދައިފި އެވެ.
ލައިބާ މި ކާމިޔާބީ ލައިބާ ހޯދީ އާމީނިއާގައި ކުރިއަށްދާ ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުގަ އެވެ. މި މުބާރާތުގައި އަރުމީނިއާ، ރާއްޖެ، ޖޯޖިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިންގެ 92 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ސިންގަލްސް ފައިނަލް ލައިބާ، 12، ކާމިޔާބުކުރީ އަރްމީނިއާގެ އެރިކް އެލޮޔާންއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލައިބާ ގެންދިޔައީ 21-15، 21-11 އިންނެވެ. އެލޮޔާންއާ އަކީ ލައިބާގެ ޑަބަލްސް ޕާޓްނަރެވެ.
ޑަބަލްސް ފައިނަލުގައި ލައިބާ ވާދަކުރީ ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ޕެއާއާ އެވެ. ލައިބާ އާއި އެލޮޔާންއާ ޕެއާ އިން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-11 އިންނެވެ.
މިކްސް ޑަބަލްސްގައި ލައިބާ ގެ ޕެއާއަކީ އެރިކް އެލޮޔާންއާ އެވެ. ފައިނަލުގައި ލައިބާގެ ޕެއާ އިން ނުކުތީ އަންޑްރޭސް ސްޓްރޮވޮލިޑިސް އާއި އެމެލިއާ ސޮފޮކްލެއޮސްއާ، އެވެ. މި މެޗު ލައިބާގެ ޕެއާ އިން ކާމިޔާބުކުރީ 21-15 އަދި 21-11 އިންނެވެ.
ދިވެހިރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ލައިބާގެ މި ކާމިޔާބީއަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މިދިޔަ އަހަރުތަކުގައި، ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.
2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލަގޮތުން ވާދަކުރަމުން އަންނަ ލައިބާގެ ކާމިޔާބީއަށް ގިނަބަޔަކު އަންނަނީ ހިތްވަރުދީ ތައުރީފް ކޮށް އިތުރު ކާމިޔާބީއަށް އެދެމުން ނެވެ.