March 14, 2026
Advertisement
.
. / މަޖިލިސް

މުއިއްޒުގެ މަޖިލީހަށް ފަހު ދައުރުގައި ނިންމުނީ 47 އިންސައްތަ މަސައްކަތް

Yana Shareef
ޔާނާ ޝަރީފް
Dec 4, 2025, 11:42 PM

ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ފަހު ދައުރުގައި ނިންމީ އެންމެ 47 އިންސައްތަ މަސައްކަތް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Advertisement

މި އަހަރުގެ ފަހު ދައުރު ނިންމާލައި ޗުއްޓީއަށް ދިޔައީ އިއްޔެ އެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އެވެ. ނަމަވެސް، އެ ދެމެދު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އޮންނާނެ އެވެ.

މަޖިލީހުގެ ފަހު ދައުރުގައި 18 ބިލެއް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ކުރީ ދައުރުން ލިބުނު 17 ބިލާއެކު ޖުމުލަ 35 ބިލު މިދިޔަ ދައުރުގައި މަޖިލީހުގައި އޮތެވެ. ނަމަވެސް ދައުރު ނިމުނުއިރު، އޭގެތެރެއިން ފުރިހަމަ ކުރެވުނީ 17 ބިލުގެ މަސައްކަތެވެ.

މަޖިލީހުގައި ނުނިމި ހުރި ބިލުތަކުގެ ތެރޭގައި ހެއްކާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ބޯހިޔާވަހިކަމުގެ ބިލުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބިލު ހިމެނެ އެވެ.

ނިމިދިޔަ ދައުރުގައި ހުށަހެޅި ހަ ގަރާރާއި އޭގެ ކުރީ ދައުރުން ލިބުނު ހަ ގަރާރާއެކު ޖުމުލަ 12 ގަރާރުގެ މަސައްކަތް މިދިޔަ ދައުރުގައި އޮތެވެ. ނަމަވެސް އޭގެތެރެއިން ނިންމާފައި ވަނީ އެންމެ ހަތަރު ގަރާރުގެ މައްސަލަ އެވެ.

މިދިޔަ ދައުރުގައި ހަތަރު ކުއްލި މައްސަލައެއް ހުށަހެޅުނުއިރު، އެ ހުރިހާ ކުއްލި މައްސަލައެއްގެ މަސައްކަތް ވެސް ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ދަށްކޮށް ފެންނަނީ މަޖިލީހުގެ މެންބަރުން ކޮށްފައިވާ ސުވާލުތަކުގެ މަސައްކަތެވެ. ކުރީ ދައުރު ނިމުނުއިރު، ޖަވާބު ނުލިބި ހުރި 69 ސުވާލާއި މިދިޔަ ދައުރުގައި ހުށަހެޅި 29 ސުވާލާއެކު ޖުމުލަ 98 ސުވާލުގެ މަސައްކަތް މިދިޔަ ދައުރުގައި އޮތެވެ. ނަމަވެސް، ދައުރު ނިމުނުއިރު އޭގެތެރެއިން މަސައްކަތް ނިންމާލެވިފައި ވަނީ އެންމެ 33 ސުވާލުގެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved