މިމަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ބަނޑުން މަސްތުވާތަކެތި ހުރި 78 ބުލެޓު ނަގާފައިވާކަން ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފިއެވެ.
"ތޭރައޮންލައިން"އަށް މި މައުލޫމާތު ލިބުމާއެކު މިވާހަކަ ވަނީ ފުލުހުންގެ ކައިރިން އަހާފައެވެ. ނަމަވެސް ޖަވާބެއް ނުލިބުމުން މި ނޫހުން މިކަންވާނި ރައްޔިތުންނާ ހަމައަށް ގެނެސްދީފައެވެ.
މިޔާކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 40 އަހަރުގެ ނޭޕާލު ފިރިހެނެކެވެ. މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، އެ ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގު ލަފާ ހޯދުމަށް ފަހު މިމަހުގެ ދެވަނަ ދުވަހުގެ ރޭ ޑޮކްޓަރެއްގެ އެހީގައި އެމީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ނަގައިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހަށިގަނޑުން ނެގި ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތް ދޭ ތަނެއްގައި ކޮށްފައި ނުވަނީ، އެފަދަ އޮޕަރޭޝަންތައް ކުރެވޭ ވަރަށްވުރެ ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުން ކަމަށް ފުލުހުން ބުންޏެވެ. އޮޕަރޭޝަން ކުރީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާޔާވެސް އެކީގައި ޑޮކްޓަރުންތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހާގެ ހަށިގަނޑުން ނެގި 78 ބުލެޓުގައި 818 ގްރާމުގެ މަސްތުވާތަކެތި ހުއްޓެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މީހާ ރާއްޖެ އައިސްފައި ވަނީ އިތުރު ދެ މީހަކާ އެކު މިދިޔަ މަހުގެ 26ވަނަ ދުވަހު ކަމަށެވެ. އަދި އެމީހުން މާފުށީގައި އުޅުމަށް ފަހު އެ ގެސްޓްހައުސްއަށް ޗެކިންވެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އޭނާއާ އެކު އައި ދެމީހުން ހަމަ އެދުވަހު ފިލައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި، ގުޅުން ހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.