އިންޑިއާ ރުޕީސްގެ އަގު ތާރީޚުގައި ދުވަހަކުވެސް ނުވެއްޓޭހާ ފައްތަރަކަށް ވެއްޓިއްޖެ ކަމަށް ބައިނަލްއަޤްވާމީ މާލީ މާކެޓުތަކުން ހާމަކޮށްފިއެވެ. އެއް އެމެރިކާ ޑޮލަރު 90 އިންޑިއާ ރުޕީސްއަށް ވެއްޓިފައިވާއިރު މިއީ އިންޑިއާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ހީނަރުކަމެއްގެ ނިޝާނެއް ކަމަށް އިޤްތިޞާދީ ތަޙުލީލުކުރާ ފަރާތްތަކުން ބުނެއެވެ. އިންޑިއާ ރުޕީސްގެ އަގު މިހާ ދަށަށް ވެއްޓިފައިވަނީ ގްލޯބަލް މާކެޓުތަކުގައި އިންޑިއާގެ އިޤްތިޞާދަށް އޮތް އިތުބާރު ކުޑަވެ، ބޭރުގެ އިންވެސްޓަރުން ފައިސާ ނެގުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.
މިދިޔަ ދުވަސްތަކުގައިވެސް އިންޑިއާ ރުޕީސްގެ އަގު ދަށަށް ދަމުންދިޔަ ނަމަވެސް، ޑޮލަރަކަށް 90 ރުފިޔާ އަށް ވެއްޓުމަކީ، އެ ޤައުމުގެ މަރުކަޒީ ބޭންކަށްވެސް ބޮޑު ކަންބޮޑުވުމެއް ގެނެސްފައިވާ ކަމެކެވެ. ރުޕީސްގެ އަގު ވެއްޓުމުގެ ސަބަބުން އިންޑިއާއަށް އެތެރެކުރާ މުދަލުގެ އަގު ބޮޑުވެ، ޚާއްސަކޮށް ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދަލުގެ އަގު އުފުލި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު އިތުރުވެ، ފައިސާގެ ގަންނަ ބާރު ދަށަށް ގޮސްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިކަމުގެ ސީދާ އަސަރު އެ ޤައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމަށް ކުރާނެ ކަމަށް ބެލެވެއެވެ.
އިޤްތިޞާދީ ތަޙުލީލުތައް ބުނާ ގޮތުގައި، ރުޕީސްގެ މިކަހަލަ ތާރީޚީ ދަށްވުމަކީ، އިންޑިއާގެ އިޤްތިޞާދީ ސިޔާސަތުތަކުގައި ހުރި ބައިބާރެއް ކަމަށް ދައްކުވައެވެ. މަރުކަޒީ ބޭންކުން ފައިސާގެ އަގު ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތައް ނާކާމިޔާބުވަމުންދާތީ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ބޮޑުވެފައިވާއިރު، މިކަމަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، އިންޑިއާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަން އިތުރަށް ގޯސްވެގެންދާނެ ކަމަށް މާލީ މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ. މި ދަށްވުމަކީ ދުނިޔޭގެ މާކެޓުގައި އިންޑިއާއަށް ދެވިފައިވާ މަގާމަށްވެސް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. އިންޑިއާއިން އިޤްތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމެއްގެ ގޮތުގައި ދައްކަމުންދިޔަ ސިފަ މިހާރުވަނީ ފަނޑުވެފައެވެ.
މީގެ އިތުރުން، އިންފްލޭޝަން ބޮޑުވެ، ވަޒީފާގެ ފުރުސަތުތައް މަދުވެ، އެތެރޭގެ އުފެއްދުންތެރިކަން ދަށްވަމުންދާ ކަމުގެ ރިޕޯޓުތައްވެސް ވަނީ ފެންމަތިވެފައެވެ. ސަރުކާރުން އިޤްތިޞާދީ ދަތިކަން ހައްލުކުރުމަށް ފުރިހަމަ ސިޔާސަތެއް ނުހިންގާތީ، އާންމު ރައްޔިތުންގެ ޙާލަތު ދަނީ ދަށުވަމުންނެވެ. ޚާއްސަކޮށް، ބޭރުގެ ޤައުމުތަކުން އެތެރެކުރާ ތެލާއި އެހެނިހެން ބާވަތްތަކުގެ އަގު ބޮޑުވުމަކީ، އިންޑިއާގެ އިޤްތިޞާދަށް އިތުރު ބުރައެއް ކަމަށް ވެގެންދާނެއެވެ. މިހާލަތަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، އިންޑިއާގެ އިޤްތިޞާދީ މުސްތަޤްބަލު ހިތާމަވެރިވުމަކީ ކައިރީގައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިންޑިއާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މި ފައްތަރު، ދިވެހިރާއްޖެއަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އިޤްތިޞާދީ މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ. އިންޑިއާއިން ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ދިވެހިރާއްޖެއަށް، ރުޕީސްގެ އަގު ދަށަށް ދިއުމުގެ ސަބަބުން ވަގުތީ ގޮތުން ބައެއް މުދަލުގެ އަގު ހެޔޮވި ނަމަވެސް، އިންޑިއާގެ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން، ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ފުރުސަތު އެބައޮތެވެ. މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ބޮޑެތި ލޯނުތަކުގެ ބުރަ އެވެ. އިންޑިއާގެ އިޤްތިޞާދު ގޯސްވުމާއެކު، މި ލޯނުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ބުރަ އިތުރުވެ، އިޤްތިޞާދީ ގޮތުން ރާއްޖެ އިތުރު ދަތިކަމެއްގެ ތެރެއަށް ވެއްޓުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އިޤްތިޞާދީ ތަޙްލީލުކުރާ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން، އިންޑިއާގެ އިޤްތިޞާދީ މި ހީނަރުކަމަކީ، ރާއްޖޭގެ އިޤްތިޞާދަށްވެސް ސީދާ އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ފެންނަމުންދެއެވެ.