April 27, 2026
Advertisement
-
- / ސީ.އެން.އެން

ސަހްޔޫނީން ބުލްޑޯޒަރު ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން ވަޅުލައިފި ކަމަށް ސީއެންއެންގެ ތަހުގީގުން ހާމަވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 6, 2025, 06:22 PM
މާލެ ސިޓީ

މަޝްހޫރު ނިއުސް ނެޓްވޯކް ސީ.އެން.އެން. އިން ހިންގި ތަހުގީގެއްގައި ހާމަވެފައިވާ ގޮތުގައި، ސަހްޔޫނީ ސިފައިން ބުލްޑޯޒަރު ބޭނުންކޮށްގެން، ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުން ދަށުދަރަޖައިގައި އިހާނާތިކޮށް، ނަން ނުޖަހާ ވަޅުތަކަށް ވަޅުލާފައިވެއެވެ. މި ހިތާމަވެރި ހަގީގަތަކީ، އިންސާނީ ހައްގުތަކާއި، އަޚްލާޤީ ހަމަތަކާއި، އިސްލާމީ ޝަރީޢަތުގެ އަސާސްތަކާ ޚިލާފު ނުރައްކާތެރި އަމަލެއް ކަމަށާއި މިއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑެތި ލަދުގަންނަ ކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި މި ތަހުގީގުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

މިފަދަ އަމަލުތަކަކީ މަރުވެފައިވާ މީހުންނަށް ދޭންޖެހޭ އަދަބުވެރިކަމާއި އިހްތިރާމް އެއްކޮށް ކަނޑުވާލާ، އިންސާނީ ކަރާމާތަށް ކުރާ ވަރަށް ބޮޑު އަނިޔާއެކެވެ. އިސްލާމް ދީނުގައި މަރުވެފައިވާ މީހުންނަށް ކަފުނުކޮށް، ކަށުނަމާދުކޮށް، އެކަށީގެންވާ ގޮތުގައި ވަޅުލުމަށް ވަނީ އަމުރުކުރައްވާފައެވެ. ނަމަވެސް ސަހްޔޫނީ ސިފައިންގެ މި އަމަލުތަކުން ދައްކުވައިދެނީ، ފަލަސްތީނުގެ ރައްޔިތުންގެ މަރުވެފައިވާ މީހުންނަށްވެސް އެއްވެސް އިހްތިރާމެއް ނުދޭ ކަމެވެ. މިފަދަ ވަޅުތަކަކީ، ޝަހީދުވީ ކޮން ބައެއްކަން ނުވަތަ އެމީހުންގެ ވަޅުތައް ކޮބައިކަން އެމީހުންގެ އާއިލާތަކަށް އެނގޭނެ އެއްވެސް ގޮތެއް ނެތް ތަންތަން ކަމުގައި ވެގެން ގޮސްފައިވެއެވެ.

މި ތަހުގީގުން ދައްކުވައިދޭ ހަގީގަތަކީ، ގާޒާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ހިތްދަތި ހާލަތާއި، ސަހްޔޫނީންގެ އަމަލުތަކުގެ ބޮޑުކަމެވެ. އަމިއްލަ ދަރިންނާއި، މައިންބަފައިންނާއި، އަނބީންނާއި ފިރީންނަށް ލިބިފައިވާ މަރުގެ ހިތާމައިގެ އިތުރަށް، އެމީހުންގެ ޖިސްމުތަކަށްވެސް އިހްތިރާމެއް ނުދީ، ބުލްޑޯޒަރުން ވަޅުލާފައިވާކަން އެނގުމުން، ކޮންމެ ހިތަކަށްވެސް ފުން އަސަރެއް ކުރާނެކަން ޔަގީނެވެ. މިއީ ހަމައެކަނި މަރުވެފައިވާ މީހުންނަށް ދެވުނު އަނިޔާއެއް ނޫނެވެ. މިއީ ދިރިތިބި އެމީހުންގެ އާއިލާތަކުގެ ހިތްތަކަށް އަބަދަށްޓަކައި ނުފިލާނެ ޒަޚަމެކެވެ.

ބައިނަލްއަޤްވާމީ ގާނޫނުތަކާއި، ހަނގުރާމައިގެ ހަމަތަކާ ވެސް މިފަދަ އަމަލުތައް މުޅިން ޚިލާފެވެ. މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ އަމަލުތަކެކެވެ. ގާޒާގައި ސަހްޔޫނީން އަންނަނީ ދުވަހުން ދުވަހަށް އިންސާނިއްޔަތާ ޚިލާފު ކިތަންމެ ކަމެއް ކުރަމުންނެވެ. މިފަދަ އަމަލުތައް ދައްކުވައިދެނީ، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުން ދެމުންދާ ލާއިންސާނީ މުޢާމަލާތެވެ.

މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވައި، މިފަދަ ޖަރީމާތައް ކުރާ ފަރާތްތަކަށް ޖަވާބުދާރީކުރުވުމަކީ، އިންސާނީ އަގުތައް ހިފެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކަށްވާއިރު ގާޒާގެ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ހިތްދަތި ކަންކަމަކީ، އެއްވެސް އިންސާނަކަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫނެވެ. ލާއިންސާނީ މި އަމަލުތަކަށް ނިމުމެއް ގެނައުމަށްޓަކައި ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން އަޑުއުފުލައި، އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ، އިންސާނިއްޔަތުގެ ދަރިންގެ ގޮތުގައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved