March 12, 2026
Advertisement
.
. / ތޭރަގްރެފިކްސް

ފުލުހުންގެ ޒިންމާ އަދާ ނުކޮށް، ނޫސްވެރިން ކުށްވެރިކުރުން އެންމެ ޒިންމާދާރުބާ؟

Faina Faiz
ފައިނާ ފާއިޒް
Dec 6, 2025, 11:52 PM
މާލެ ސިޓީ

ފުލުހުންގެ ޒިންމާ އަދާ ނުކޮށް، ނޫސްވެރިން ކުށްވެރިކުރުން މިއީ އެންމެ ޒިންމާދާރު ގޮތެއް ނޫނެވެ.

Advertisement

އިއްޔެގެ ވަގުތެއްގައި އިތުބާރު ހުރި މަސްދަރަކުން ޗެނަލް 13އަށް މުއަތަބަރުކޮށް ވަނީ ހުޅުމާލެ ސަހަރާ ތެރޭ މައްޔިތެއްގެ ބަނޑު ފަޅާލައިގެން ޑްރުގް ނެގި މައްސަލައެއްގެ ޚަބަރު ދީފައިއެވެ.

ޗެނަލް-13 އަށް މި މައުލޫމާތު ލިބުމާއެކު މިވާހަކައިގެ ތެދު ދޮގު ބެލުމަށް ފުލުހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން މި ނޫހުން ވަނީ ރައްޔިތުންނާ ހަމައަށް މި މައްސަލައާއި ގުޅޭ މައުލޫމާތުތައް ގެނެސްދީފައެވެ.

އެތައް އިރެއްވެގެން ދިޔަ އިރުވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާއިރު، އެ މުއައްސަސާއިން ބުނަމުން ގެންދިޔައީ، މި މައްސަލައާ ގުޅޭ މައުލޫމާތު ބަލާލާފައި ގުޅާނެ ކަމަށެވެ.

ފުލުހުންގެ ފަރާތުން މި ހާދިސާއާއި ގުޅޭ މައުލޫމާތު ނުލިބުމުން ޗެނަލް-13 އަށް މައުލޫމާތުދިން ފަރާތާ ހަވާލާދީ އެ ޚަބަރު ޝާއިއުކުރެވިފައިވާނީ މިމައްސަލާގައި ފުލުހުންގެ ބަހެއް ލިބިފައިވާ ނުވާކަމަށް ފާހަގަކޮށްފައިއެވެ. އަދި މި ރިޕޯޓްގައި ފުލުހުންގެ ރިޕޯޓާ ފެކްޓުގެ ގޮތުން ދިމާވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ޚަބަރު ޝާއިއުކުރުމާ، މައްސަލަ ހިނގާ ދިޔުމާ ދެމެދު ވަނީ 5 ދުވަސް ފާއިތުވެފައިއެވެ. ނަމަވެސް ފުލުހުން މި ފަދަ ހާދިސާއެއްގެ މައުލޫމާތު ހިއްސާކޮށްފައި ވަނީ ޚަބަރު ޝާއިއު ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

މިއާއެކު ދެން ފެނިގެން ދިޔައީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިސް ސޯޝަލް މީޑިއާ އެކްޓިވިސްޓް ކަމަށްވާ މަރިޔަމް ޝިއުނާ، ޗެނަލް13 ގެ ޚަބަރާއިމެދު ނުރުހުން ފާޅުކޮށް، މީޑިއާ ކޮންޓްރޯލް ކުރާ އައު ގާނޫނޫގެ ދަށުން ޗެނަލްއަށް ފިޔަވަޅު އަޅަން ގޮވާލި މަންޒަރެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ރައީސް މުއިއްޒު ވިދާޅުވި، ޕްރެސް ފްރީޑަމްއަކީ މިއީ ކަމާމެދުގައިއެވެ. މިފަދައިން ހަވާލާދީ މުއައްސަސާތައް ޖަވާބުދާރީ ކުރުވުން މިއީ ނޫސްވެރިންގެ މަސައްކަތަށްވާއިރު ސަރުކާރުގެ އަދި ރައީސްގެ އެންމެ އަރިސް އެކްޓިވިސްޓުން ނޫސްތަކަށް މިފަދައިން ޓާގެޓްކުރުމުން ހާމަވެގެންދަނީ މުއިއްޒަށްވުރެ އެކްޓިވިސްޓުންގެ ބާރު ގަދަކަމެވެ.

މީގެ އިތުރުން، ޕްރެސް ފްރީޑަމްޑޭ ގަ ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ ކުރީގެ މީޑިއާ ކައުންސިލްގެ މެމްބަރެއް ވަނީ ފުލުހުންގެ ފަރާތުން ޖަވާބު ލިބޭލެއް ލަސް ވާހަކަ ރާއީސް ގެ ސަމާލު ކަމަށް ގެނެސްފައިއެވެ. އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވި ނަމަވެސް، އެކަން އަދިވެސް އޮތީ ހަމަ ކުރިން އޮތް ގޮތަށްކަން އިއްޔެ މިވަނީ ސާބިތުވެފައިއެވެ.

ނޫސްވެރިންގެ ޒިންމާއަކީ ސަރުކާރަށް ސަނާކިޔުމެއް ނޫން، ނޫސްވެރިންގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved