
ސްކޫލްތަކުގެ ކިޔަވާކުދިންގެ ޔުނިފޯމް 2027 ވަނަ އަހަރުން ފެށިގެން އެއްގޮތްކުރަން ނިންމާފައި އޮތް ގޮތާއި އެއްގޮތަށް އަމަލުކުރާނަމަ ބެލެނިވެރިން އަތުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަފާކުރައްވައިފި އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި 90،000 އަށްވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ޔުނިފޯމު ބަދަލުކުރަން ދަރިވަރަކަށް މަދުވެގެން 900 ރުފިޔާ ހަރަދުވާނެ ކަމަށެވެ.
މިއީ ހަރަދުބޮޑު ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރައްވާ ނަޝީދު ވިދާޅުވީ ދަރިވަރުން މިހާރު ވެސް ތިބެނީ އެކަށީގެންވޭ ވަރަށް ނިވާ ވެގެންކަމަށެވެ.
އަންހެން ދަރިވަރުންނަށް ސްކާޓާ އެކީ ހަރުވާލު ލާން މަޖުބާރުކުރަން ސަރުކާރުން ނިންމިއިރު، މި ރާއްޖޭގައި ސްކޫލްތައް އުފެދުނީއްސުރެން މިއަދާ ހަމައަށް ވެސް ސްކޫލްތަކުގައި ކުދިންގެ ރަސްމީ ޔުނީފޯމަކީ ސްކާޓެކެވެ. އަދި ބުރުގާ އަޅާ ދަރިވަރުންނަށް، ޔުނީފޯމާ އެކީ ހަރުވާޅު ލެވެ އެވެ.
ނަމަވެސް ސަރުކާރުން ވަނީ ޒަމާންވީ ގޮތް ދޫކޮށް، އަންހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމް އަޅަން ތަފާތު ފަސް އޮޕްޝަނެއް ދީފަ އެވެ. މި އުސޫލަށް އަމަލުކުރަން ފަށަނީ 2027 ގައި ކަމުން، ޔުނީފޯމްތަކަށް ބަދަލު އަންނާނީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ނިންމާފަ އެވެ.










