ނިމިދިޔަ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ވައުދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޕާކިން މައްސަލަ، މިހާރު މިވަނީ ބޮޑު ޖޯކަކަށްވެފައެވެ. ހައްލެއް ފެންނަ ވަރަށްވުރެ ބޮޑަށް، އިތުރު މުއްދަތުތަކާއި ހުސް ވާހަކަތައް ގިނަވެ، އެ ވާހަކަތައް ޕާކްކުރާނެ ޒޯންތައް ހުސްވެ އަންނަނީ ނެތިވަމުންނެވެ.
"ހަތަރު މަސް ތެރޭ ޕާކިން އިމާރާތްތައް އެޅުން ފަށާނަން!" ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމުގެ ވާހަކަ ދައްކަވަމުން މިހެން ވިދާޅުވިއިރު، ރައްޔިތުންގެ ތެރޭގައި އެންމެ އާންމު ސުވާލަކަށް ވެފައިވަނީ "އެއީނކޮން ހަތަރު މަހެއް؟" ތޯއެވެ. އެއީ މީގެ ކުރީގެ އެމްޑީޕީ ސަރުކާރުންވެސް، އަދި މި ސަރުކާރުންވެސް ކުރިން ބުނި ވާހަކަތަކަށް ބަލާއިރު، މިފަދަ ހަތަރު މަސްތައް ގުނަން ފަށާފައިވާތާ ދިގު މުއްދަތެއް ވާއިރުވެސް ބުނާ ބަހުގެ އަމަލީ މަސައްކަތެއް ނުފެންނާތީއެވެ.
މިކަމާ ގުޅިގެން ކުރީގެ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވަނީ ޕާކިން މައްސަލައަށް ހައްލު ހޯދުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެހެން ބުނިތާ މިހާރު އަހަރެއް ވެފައިވާއިރު، "ފެށޭނެ" ކަމަށް ބުނި އެއްވެސް މަސައްކަތެއް ފެންނަން ނެތުމުން، މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމާމެދު ރައްޔިތުންގެ ޔަޤީންކަން މިހާރު ވަރަށް ބޮޑަށް ވަނީ ކުޑަވެފައެވެ. ރައީސް މުޢިއްޒުގެ މި ސަރުކާރުގައި މިކަމަށް ހައްލެއް ނެތި މަސައްކަތްތައް ލަސްވަމުންދާތީ، ރައްޔިތުންގެ ކެތްތެރިކަން މިހާރު ވަނީ ކޮޅުންލާން ފަށާފައިކަމަށް ބުނެ މީސް މީޑިއާގައި އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.
ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ނުހޯދައި، މާލެ އާއި ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވް ކުރުމުގެ މަސައްކަތް ދަނީ ބޮޑެތި އޮޕަރޭޝަން ހިންގާ އުސޫލުން ކުރިއަށް ގެންދަމުންނެވެ. މިނިސްޓަރުންނާއި ފުލުހުންގެ އިދާރާގެ ވެރިން އެއްކޮށްގެން ބޮޑެތި ޖަލްސާތައް ބާއްވާ މިއީ ހަމައެކަނި އުޅަނދުތަކުގެ ވެރިންގެ މައްސަލައެއް ކަމަށް ސަރުކާރުން އަންނަނީ ދައްކަމުންނެވެ. "ޕާކް ކުރާނެ ތަނެއް ދައްކާފަ ނޫނީ ޓޯވް ނުކުރޭ!" މިޝިއާރު މިހާރު ވެފައިވަނީ މާލޭގެ މަގުތަކުގައި ގިނަ ބަޔަކު ދައްކާ ވާހަކައަކަށެވެ. ޕާކިން ޖާގަ ނެތުމުގެ ސަބަބުން މަޖުބޫރުވެގެން މަގުތައް މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވް ކުރުމުން، ރައްޔިތުންގެ އަތްމަތި ހުސްވެ، ބަރުވެގެންދަނީ ސަރުކާރުގެ ޖީބެވެ.
ސަރުކާރުގެ ފަރާތުން ކޮންމެ ފަހަރަކުވެސް ދެމުންދަނީ ހަމައެކަނި ލަސްވެ ލަސްވެގެންދާ "މުއްދަތު" ތަކެވެ. ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް މިހާރުވެސް ނުފެށި، ހަމައެކަނި ވާހަކަ ދައްކަމުންދާތީ، މިއީ ހަމަ އެހެން "މުއްދަތު ޕާކުކުރުމުގެ" އިތުރު ދުވަހެއްކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.
ކޮންމެއަކަސް، ޕާކިން މައްސަލައަށް ހައްލެއް ނުލިބުނަސް، ސަރުކާރުން ދެމުންދާ ވައުދުތަކަށް އިތުރު މުއްދަތުތައް ދީ، އެ މުއްދަތުތައް ޕާކުކުރާނެ ގިނަ ޖާގަތަކެއް މިވަނީ ހުޅުވިފައެވެ. މި މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން މިތިބެނީ ޖޫރިމަނާ ދައްކާލަ ދައްކާލައެވެ.