March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒު ދަނީ ގައުމު ރޭޕު ކުރަމުން: ރައީސް ޔާމީން

Dec 7, 2025, 09:47 PM
މާލެ ސިޓީ

ފެންނަމުން ދަނީ ރައީސް މުހައްމަދު މުއިއްޒު ދިވެހިރާއްޖެ "ރޭޕް" ކުރަމުން ދާ ތަން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރި ކަމަށް ވަޑައިގަތުމަށް ދެއްކި ވާހަކަތަކާއި ފެންނަ ހަގީގަތު ފަރަގު ބޮޑުވެ، ދުސްތޫރީ ނިޒާމު ހަލާކުކޮށް، ގައުމުގެ މުއްސަނދި ކަމާއި އާންމު ހަމަތަކަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުން ދޭކަމަށް ގިނަ ރައްޔިތުންނަށް ގަބޫލު ކުރެވެން ފަށަފައިވާއިރު، ރައީސް ޔާމީން ވެސް ވަނީ ސަރުކާރުގެ އަމަލުތަކަށް ނަޒަރު ހިންގަވާ ލައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ކަންކަން ހުރީ ޖިނާއީ ބޮޑެތި ތަހުގީގުތަކެއް ކުރަންޖެހޭ ހިސާބަށް ގޮސްފައި ކަމަށާ ވަޒީފާތައް ބަހައި ރައްޔިތުން "އަޅުވެތި" ކުރަމުންދާ ކަމަށެވެ. އެގޮތުން ކުދިކުދި ރަށްރަށުގައި މަސްވެރިކަމާއި މަސައްކަތްތެރި ދާއިރާތައް ދޫކޮށްލަން މަޖުބޫރުވާ ގޮތަށް ފަސްދޮޅަސް، އައްޑިހަ މީހުންނަށް ވަޒީފާ ދިނުމަކީ އަޅުވެތިކަމުގެ އުކުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން އެކަންކަން ސިފަކުރެއްވީ ރާވައިގެން ކުރާ ަކމެއް ނުވަތަ ކަން ކުރަން ނޭނގުން ދެގޮތުން ކުރެ އެއްގޮތުގައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރާވައިގެން އިޖްތިމާއީ ފޭރަން ވީދަލަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވޭ ގޮތަށް ގާނޫނުއަސާސީގައި އޮތަސް، އެއްވެސް މުއައްސަސާއެއް އެގޮތަށް ހަރަކާތްތެރިވަމުން ނުދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރާއެކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ހުރިހާ ދިމާލަކުން ފެންނަމުން ދަނީ ރޭޕްކުރަމުންދާ މަންޒަރު ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ރީތި ނަންނަމުގައި ސުރުހީތައް އެޅި ނަމަވެސް ސަރުކާރުން ކަން ކުރަނީ ދިމާ އިދިކީލަކޮށް ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު މިއި ބަހާ އަމަލާ ދިމާނުވާ ވެރިންތަކެއް ތިބި ސަރުކާރެއް ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved