ބަޖެޓުގެ ވާހަކަ އަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދައްކަމުން އަންނަ ވާހަކައެކެވެ.
މިއަދު ރައީސް ޑރ މުއިއްޒު އެ ގެންދަވަނީ ބަޖެޓޭ ކިޔައިގެން ވެސް އެތައް ޝަކުވާއެއް ކުރަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު މިހާރު ވިދާޅުވަމުން އެ ގެންދަނީ ހުރިހާ ރަށަކަށް ވީ ވައުދު ފުއްދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނެތް ކަމަށެވެ.
މިވާހަކަތައް މިހެން ދައްކަވާ އިރު އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ބަޖެޓުގައި ކަން ކަން ހިމެނުމަށް ހުށައަޅާފައިވާ އިރު އެއިން އެއްވެސް މަޝްރޫއު އެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނަށް ހުންނެވި މުހައްމަދު ފިރުޒުލް ވިދާޅުވި ހަދާން އަޅުގަނޑު އެބަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެމަނިކުފާނުގެ ނިންމެވުން އަދި އިރުޝާދަކީ 2024 ވަނަ އަހަރުގެ ބަޖެޓް 49 ބިލިއަން ފަހަނައަޅާ ނުދިއުމެވެ.
މިފަދައިން ޑރ މުއިއްޒު ވިދާޅުވެފައި ވަނިކޮށް މިހާރު އަނެއްކާ ބަޖެޓުގައި އެންމެ އެދެވޭ ވަރަށް ފައިސާ ނެތް ކަމަށް ތިޔަ ވިދާޅުވަނީ ކީއްވެ ތޯއެވެ؟
މަނިކުފާނު ވިދާޅުވި ފަދައިން ބަޖެޓުގައި ހިމަނަން ކަން ކަން ހުށއެޅުއްވި ނަމަ އެކަން މަޖިލީހުގެ ޔައުމިއްޔާ އާއި ހަވާލާދީ ދައްކަވާމެ އެއް ނޫންތޯއެވެ. އަޅުގަނޑުގެ ސުވާލަކީ ބަޖެޓުގައި ހިމަނަން ހުށައެޅި ކަންކަމުގެ ތަފްސީލް ރައްޔިތުންނާ ހާމަ ނުކުރެވެނީ ކީއްވެތޯއެވެ؟
މަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ދެފުއްފެންނަ ގޮތަށް ސަރުކާރު ހިންގާނެ ކަމަށް ވައުދުވެގެންނެވެ. އެހެންނަމަވެސް މިއަދު ތި އަމަލު ކުރައްވަނީ އެ ވައުދާވެސް ހިލާފަށެވެ.
އޭރު ބަޖެޓާމެދު މާޔޫސް ކަން އޮތްނަމަ ކީއްވެގެންތޯ އޭރު އެވާހަކަތައް ނުދެއްކެވީ؟ ނުވަތަ މިހާރު ރައްޔިތުން ގާތު މަޖިލިސް އިންތިހާބަށް ވޯޓަށް ގޮއްސަ ވެވުނު ވައުދުތައް ގިނަ ކަމުން އެކަން ފޫބެއްދުމަށްތޯ އިތުރުފުޅު ހައްދަވާ ތިޔަފަދަ މޭރުމަކުން ވާހަކަ ދައްކަވަނީ؟
މިއަދު މަނިކުފާނު ދިޔަ ދައްކަވާ ވާހަކައިގެ އެއްވެސް އިހްލާސްތެރި ކަމެއް ނެތެވެ. މިއަދު ރައްޔިތުންވެސް ގަބޫލް ކުރަނީ އެގޮތެވެ. މިއަދު ތި ދައްކަވާ ވާހަައިގެ އިހްލާސްތެރި ކަމެއް ހުރި ނަމަ މަނިކުފާނަށް ތާއީދު ކުރާ މެމްބަރުންނަށް ބަޖެޓުގައި ޖެހި މިންވަރު ކުޑަ ވެގެން ޝަކުވާ ކުރެވުނީސް ނޫންތޯއެވެ. ރައްޔިތުން މަޖިލިސް ތަޅުމުގައި އެ އަޑު އިއްވުނީސް ނޫންތޯއެވެ؟ އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ނުކޮށް މިއަދު ދިޔަ ވިދާޅުވަނީ އެދުވަހު ދެއްކެވި ވާހަކައާ މުޅިން ދިމާ އިދިކޮޅު ވާހަކަތަކެވެ.
ފަހަރުގައި މަނިކުފާނު މަޖިލީހުގައި ނޫޅުއްވީމަ މަޖިލީހުގައި ބަޖެޓުގައި މަޝްރޫއުތައް ހިމަނާގޮތަށް އެންމެ ފަރިތަ ނުވެދާނެއެވެ. ބަޖެޓް އެލޮކޭޓް ކުރަނީ މަޝްރޫއުތަކަށް ފައިސާ ބަހާލައިގެންނެވެ. ހަގީގަތަކީ ފުށިދިއްގަރުފަޅު ފިޔަވާ މަނިކުފާނު އެދުނު ކަމެއް ބަޖެޓުން އުނި ނުކުރާކަމެވެ. އެހެނިހެން ހުރިހާ ކަމެއް މަނިކުފާނު އެދިލެއްވި ގޮތަށް މެމްބަރުން ހިމަނާދެއްވިއެވެ.
ރައީސް ޑރ މުއިއްޒުއެވެ! ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް މަޝްރޫއުތައް ކުރިއަށް ގެންދަވާދެއްވާށެވެ. ބަޖެޓްގެ ޝަކުވާއަކީޑރ މުއިއްޒުއަށް އާ ޝަކުވާއަކަށް ނުވާނެއެވެ. މޭޔަރުގެ މަގާމުގައި މަނިކުފާނު ހުންނެވި އިރު ވެސް ބަޖެޓް ނުލިބިގެން މިސްކިތްތައް މަރާމާތު ނުކުރެވޭކަމަށް ބުނެ ޝަކުވާ ކުރެއްވި ހަދާން އަޅުގަނޑު އެބަވެއެވެ. އޭރުވެސް މިހާރުވެސް ބަޖެޓޭ ކިޔައިގެން ޒިންމާއިން އެއްކިބާވުމުގެ ސިފަ މަނިކުފާނުގެ ކިބައިން އެބަ ފެނެއެވެ. ޒިންމާ ނެގުމުގައިވެސް މަނިކުފާނު އުޅުއްވަނީ ސުމެއްގައެވެ. ޝަކުވާ ކުރުމުގައި އެންމެ ކުރީގައެވެ. ބަޖެޓޭ ކިޔައިގެންވެސް ދެފަހަރު ކިޔުއްވަނީ ދޭއްޗެކެވެ.