
2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ފާސްކުރި ބަޖެޓުން ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ކަނޑައެޅި ބަޖެޓަށްވުރެ 36 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުންނެވެ.
އެ ރިޕޯޓު ހާމަވާ މައުލޫމާތަށް ބަލާއިރު، 2024 ވަނަ އަހަރު މަޖިލީހުން، ރައީސް އޮފީހަށް ހިނގާނެ ހަރަދުގެ ގޮތުގައި ފާސްކޮށްދީފައިވަނީ ޖުމްލަ 204 މިލިއަން ރުފިޔާއެވެ. ނަމަވެސް، މާލީ އަހަރު ނިމުނުއިރު އެ އޮފީހުން ވަނީ ފާސްކުރި ބަޖެޓަށް ވުރެ 17 އިން ސައްތަ އިތުރު އަދަދުން ޚަރަދުކޮށޤްފައެވެ. އެގޮތުން އެ އޮފީހުން ކޮށްފައިވާ ހަރަދުތަކުގެ ޖުމްލަ އަދަދު ވަނީ 240 މިލިއަން ރުފިޔާއަށް އަރާފައެވެ.
ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވަނީ، މުވައްޒަފުންނަށް ދޭ އުޖޫރައާއި އިނާޔަތްތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި އޮފީހުގެ އިސްވެރިން ރާއްޖެއާއި ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފަތުރުގެ ހަރަދުތަކެވެ. އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ މުވައްޒަފުންނަށް ދޭ އުޖޫރައާއި އިނާޔަތްތަކަށެވެ.
މީގެ އިތުރުން ވެސް އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި، އިމާރާތާއި ވަސީލަތްތައް މަރާމާތު ކުރުމަށް ކުރި ހަރަދުތައްވެސް ހުރީ ފާސްކުރި މިންވަރަށް ވުރެ މަތީގައެވެ. ހަމައެއާއެކު، ސަރުކާރުން އެކި ފަރާތްތަކަށް ދޭ އެހީއާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ދައްކަންޖެހޭ އިޝްތިރާކާއި، އެކި ދާއިރާތަކަށް ދީފައިވާ ސަބްސިޑީގެ ހަރަދުތައް ވެސް އިތުރުވެފައިވެއެވެ.
ޚަރަދުތަކުގެ ތަފްސީލު:
މުވައްޒަފުންގެ ހަރަދު - ފާސްކުރީ 131.8 މިލިއަން ރުފިޔާ، ޚަރަދު ކުރީ 133.8 މިލިއަން ރުފިޔާ
ދަތުރުފަތުރުގެ ހަރަދު - ފާސްކުރީ 14.9 މިލިއަން ރުފިޔާ، ޚަރަދު ކުރީ، 33.8 މިލިއަން ރުފިޔާ
އޮފީސް ހިންގުމުގެ ތަކެތީގެ ޚަރަދު - ފާސްކުރީ 6.4 މިލިއަން ރުފިޔާ، ޚަރަދު ކުރީ 10.7 މިލިއަން ރުފިޔާ
މަރާމާތުގެ ޚަރަދު - ފާސްކުރީ 4.2 މިލިއަން ރުފިޔާ، ޚަރަދު ކުރީ 12.5 މިލިއަން ރުފިޔާ
އިޝްތިރާކާއި ސަބްސިޑީގެ ޚަރަދު - ފާސްކުރީ 4.3 މިލިއަން ރުފިޔާ، ޚަރަދުކުރީ 6.0 މިލިއަން ރުދިޔާ
2024 ވަނަ އަހަރު ބަޖެޓަށް ވުރެ އިތުރަށް ރައީސް އޮފީހުން ޚަރަދުކޮށްފައިވާއިރު، އެ އަހަރަކީ މަޖިލިސް ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނަ ދަތުރުކޮށް އަދި ގިނަ ސިޔާސީ މުވައްޒަފުންވެސް ނެގި އަހަރެއްކަން ފާހަގަކޮށްލެވެއެވެ.










