March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުގެ ސަރުކާރާއިމެދު މިހާރު "ޑިސަޕޮއިންޓް" ވެއްޖެ: މުއިއްޒަށް ވޯޓު ދިން ފަރާތެއްގެ ޝުއޫރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 8, 2025, 07:29 PM
މާލެ ސިޓީ

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ހެންވޭރުގައި ބޭއްވި ބައްދަލުވުމެއްގައި، މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދިން ފަރާތަކުން، ސަރުކާރާއި މެދު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ބުނެފިއެވެ.

Advertisement

ރޭގެ ބައްދަލުވުމުގައި، ރައީސް މުޢިއްޒަށް ވޯޓު ދިން ކަމަށް ބުނި ފަރާތުން ފާޅުކުރި ޝުއޫރުގައި ބުނި ގޮތުގައި، މުއިއްޒަށް ވޯޓު ދިނީ މާލެ ސިޓީގެ މޭޔަރު ކަމުގައި އާއި ހައުސިންގ މިނިސްޓަރ ކަމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތަކަށް ހިތްހަމަޖެހިގެން ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ކަންކުރާ ގޮތުގެ ސަބަބުން، ދިރިއުޅުމުގެ އަގުބޮޑުވެ ވަރަށް ގިނަ ކަންކަމުގައި މާޔޫސްވެފައިވާ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަށް ދަށަށް ދަމުންދާ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކާ އަޅުގަނޑު ވޯޓު ލީން ރައީސް މުއިއްޒަށް. ވަރަށް ބޮޑެތި އެކްސްޕެކްޓޭޝަންތަކާއި އެކީގައި ވޯޓުލީ. ނަމަވެސް ބުނެލަން ބޭނުންވާ ވާހަކައަކީ ވަރަށް ގިނަ ކަންތަކުގެ ސަބަބުން އަޅުގަނޑުމެން ޑިސަޕޮއިންޓް ވާ ގޮތަށް ދާތީ އަޅުގަނޑު މިތަނަށް އައިސް މިހިރީ

އެފަރާތުން ބުންޏެވެ.

ޚާއްސަކޮށް، ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ޑޮލަރު ހޯދަން އުދަގޫ ވުމާއި، ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލި، އިންފްލޭޝަން މަތިވަމުންދާތީ، އާންމު ރައްޔިތުންނަށް ދިރިއުޅުން ބުރަވެފައިވާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރިއެވެ. މިހާލަތުގައި ސަރުކާރުން އެކަށީގެންވާ ހައްލެއް ނުހޯދައިދޭ ކަން ވަރަށް އަސަރާއިއެކު އެފަރާތުން ފާހަގަކުރިއެވެ.

މި ފަރާތުން އިތުރަށް ބުނީ، ސަރުކާރަށް ރައްޔިތުންގެ އުއްމީދުތައް މުޅިން ވިއްސިވިހާލިވެ، އިތުބާރު ގެއްލިފައިވާ ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވެ. ނަމަވެސް ވެރިކަމަށް އައިފަހުން އެ ވައުދުތައް ފުއްދުމުގައި ފަސްޖެހުންތަކެއް ހުރި ކަމަށް ބުނެ، އާންމުންގެ ނުރުހުން އަންނަނީ އިތުރުވަމުންނެވެ.

އަދި ރައްޔިތުންނާއި ބައްދަލުކުރުމަށް މުއިއްޒު ބާއްވާ މިފަދަ ބައްދަލުވުންތަކުގައި ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved