theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
ކޮންމެ ފަސް މިނެޓުން ވައްކަން ކުރާ ބަޔަކަށް އެހެން ބައެއްގެ ވާހަކަ ނުދެއްކޭނެ
Yana Shareef
ޔާނާ ޝަރީފް
08 ޑިސެމްބަރު 2025

ކަންކަން ކުރަން މޮޅެތި ވައުދުތަަށް ވަނީ ކާކު ބުނެގެންކަމެއް ނޭނގެއެވެ. އެ ވައުދު ނުފުއްދުނީމަ ނުވަތަ އެ ވައުދު ފުއްދަން ބޭނުންނެތިގެން އެހެން މީހުން ބޮލަށް ޖަހަނީ ވަކި ކޮންކަމެއް ހާސިލުވާތީބާއެވެ.

ވާނުވާ ބަންދު އުވާލަން ވައުދުވެ ވެރިކަމަށް އައުމަށްފަހު, ދެއަހަރު ވޭތުވެގެންދިޔައީ ވައްކަމާއި ފޭރުމުގައެވެ. ރައްޔިތުންގެ ބައިތުލްމާލު ބަނޑުއެޅުމުގައި އަވަދިނެތި އުޅުމަށްފަހު ވެސް ރައްޔިތުން ކުރިމަތީ ނިތްކުރިމައްޗަށް ރުލެއްވެސް އަރުވާ ނުލާ ދޮގު ހަދަން ފަހެއް ނުޖެހެއެވެ.

ވާނުވާ ބަންދު އުވާނުލައިގެން އާއިލާތަކުން ހިތްދަތިކަމެއްގެ ތެރޭ އުޅޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފްގެ) ޓައުންހޯލް ޖަލްސާތަކުގައި އެ ޕާޓީގެ ރައީސް, ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ވާނުވާ ބަންދު އުވާލުމަކީ 5 މިނެޓުންވެސް ވާނެކަމެއްކަމަށެވެ.

ދާދިފަހުން މާފަންނު ރައްޔިތުންގެ ކުރިމައްޗަށް ދޮގު ހެދުމަށް ވަޑައިގަތުމުން ޒުވާނަކު ވަނީ ވާނުވާ ބަންދުގެ މައްސަލަ ހައްލު ނުކުރާތީ ބަވާކުޑަކޮށްލާފައެވެ. ވާނީވެސް އެހެންތާއެވެ. ވާނުވާ ޖަހަނީ ވަކި ބަޔަކަށެވެ. ސަރުކާރުގެ ވެރިންގެ އާއިލާކުދިން ކޮޅު ގެންގޮސް ކޮފީ ދީފައި ފޮނުވާލީ ގެޔަށެވެ.

އެ ޒުވާނާ އެރޭ ޖަލްސާގައި ރައީސް ޔާމީން ފަސް މިނެޓުން ވާނުވާ ބަންދު އުވާލެވޭނެ ވާހަކަ ވިދާޅުވި ވާހަކަ ބުނުމުން ރައީސް މުހައްމަދު މުއިއްޒުގެ ބްލަޑް ޕްރެޝަރ މަތިވެގެންދިޔައެވެ. ކުށުގެ ތުހުމަތުގައި ތިބި ބަޔަކީ ކުށްވެރިންގެ ގޮތުގައި ސިފަކޮށް އެ މީހުން މިނިވަން ނުކުރާނެކަމަށް ބުންްޏެވެ.

ޖެހިގެން އައި ދުވަހު އެކްސްގައި އެއް ބަޔަކު މުއިއްޒަށް ފާޑުކިޔަމުންދިޔައިރު, މުއިއްޒުގެ އަރިސް ބޭފުޅުން ގެންދެވީ މުއިއްޒަށް ސަނާ ކިޔާ ރައީސް ޔާމީނަށް ހިތުހުރި އެއްޗެއް ކިޔަމުންނެވެ. ވައްކަމުގެ ތުހުމަތު މިހާރުވެސް އޮތް ބާެރަށު ޝުޖާއު ހީވީ އޭނާއަކީ ހުދު ކާފޫރުކޮޅެއްކަމަށެވެ.

ތިމާވަރުގެ މީހަކު ނެތިގެން އެކްސްގައި ރައީސް ޔާމީން ފަސް މިނެޓުން ކުޅުއްވަނީ ތާސްކަމަށް ބުނިއިރު, މީނާ ފަސް މިނެޓުން ވައްކަން ކުރާ ވާހަކަ ބުނަން ފަސްޖެހުނީތާއެވެ. ވާނުވާ ބަންދު ރައީސް ޔާމީންގެ ވެރިކަމުގައި އުވާނުލީ ކީއްވެތޯ ސުވާލު އުފެެއްދެވިއިރު އެކަން ކުރަން ފުރުސަތު ލިބުނު ބަޔަކު މިއަދި ބަހަނާ ދައްކާ ޒިންމާއިން ރެކިގެން ވާހަކަ ދައްކާކަށް މާތާހިރެއް ނޫނެވެ.

އަދި ރައީސް ޔާމީން ތާސްކުޅުއްވިޔަސް ރަމަން ރަމަން ފޯލި ކުޅުއްވިޔަސް އެމަނިކުފާނުގެ ޒައާމަތަކީ ގައުމުދުށް ފެހިފަހި ދުވަސްތަކެކެވެ. އެހެންކަމުން ގުދޯގުދޯ ނުގޮވާ ތިމާމެންގެ ބުރަކަށީގެ އޮތް ހަ ގުދު ފިލުވަން ދެންވެސް މަސައްކަތް ކުރުން ބުއްދިވެރިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved