ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚު ހަސީނާގެ ވެރިކަން ނިމިގެން ދިޔަ ގޮތުން އިބްރަތް ހާސިލުކުރުމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު، ރައީސް ޑރ މުހައްމަދު މުއިއްޒަސް ލަފާ އަރުވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމު ފަޒުލް ރަޝީދުގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ ގޯތިތަކެއްގެ ލިޔެ ކިޔުން ނައްތާލި މައްސަލައިގައި ދައުވާނުކުރަން ނިންމުން އެކަމަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ފަޒުލްގެ މައްޗަށް ގަނޫނު ނުހިނގާނެކަމުގެ ސިގްނަލްތައް ހުދު ގަމީސް ލައްވާ ޕިއެންސީގެ މޫނު މަތި ރިތި ކުރަން ފަޒުލްމެން ފަދަ މީހުން ނެރުމުން ލިބިގެން ދިޔަ ކަމަށާ ނަމަވެސް ރައްޔިތުން ތިބީ ބަލަންކަން ފާހަގަކުރައްވާ ޑރ ޖަމިލު ވިދާޅުވެފައިވަނީ، ފަޒުލު ދަމައިގަތް ކަމަށް ތުހުމަތު ކުރެވޭ ގޯތިތައް ހުރީ ފެންނަން ކަމަށެވެ.
އެހެންކަމުން ލަސްތަކެއް އަންނަމުން ދަނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ސިއްކަ ޖެހުމުގައިކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ބަންގްލާދޭޝްގެ ހަސީނާގެ އާއިލާއަށްވީ ގޮތް ގާތުން ބެލުމަށް އިލްތިމާސްކުރައްވާފައެވެ.
ހަސީނާގެ ވެރިކަން ނިމިގެން ދޮޔަ ގޮތުން އިބްރަތް ހާސިލުކުރާނަމަ ފަޒުލްގެ ކަންތަކަށް ޙިމާޔަތް ދިން ޕްރޮސެކިއުޓަރުންނާ ފަޒުލު ހިމެނޭ ގޮތަށް އިންސާފުގެ ކުރިމައްޗަށް ރައްޔިތުން ހާޒިރު ކުރާނެކަން ޔަގީން ކުރައްވަން ވެސް ޑރ ޖަމީލު ވަނީ ޑރ މުއިއްޒަށާ ޕިޖީއަށްވެސް ގޮވާލައްވާފައެވެ.
މާކުރިންވެސް ފަޒުލު ހުދު ގަމީހެއް ލައްވާ ދޮވެ ސާފުކޮށްގެން @MMuizzu ޕީއެންސީގެ މޫނުމަތި ރީތިކުރަން ނެރުނު ހިސާބުން އޭނާގެ މަައްޗަށް ގާނޫނު ނުހިންގާނެކަން އެނގެއެވެ.
— Mohamed Jameel Ahmed (@MJameelAhmed) December 8, 2025
އެކަމަކު ރައްޔިތުން އެތިބީ ބަލަންށެވެ. ފަޒުލު ދަމައިގަތްކަމަށް ތުހުމަތުކުރެވޭ ގޯތިތައް ހުރީ ފެންނަންށެވެ. ލަހީ… pic.twitter.com/xLha6WvmBy
ޑރ ޖަމީލު މިފަދައިން ވިދާޅުެފައިވާއިރު، ޕީޖީ އިން ބުނެފައިވަނީ، އެޗްޑީސީގެ އައިޓީ ޑިޕާޓުމެންޓުގެ ވެރިޔާ، އަބްދުالله ޝުހޫދު އާއި ފަޒުލް ލިޔުންތަކެއް ޑިލީޓުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ދެމީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕިޖީއިން ހާމަކޮށްފައިވެއެވެ.
މި މައްސަލަ ބަލަމުން ދަނިކޮށް ފަޒުލް ދިރިއުޅެމުން ދިޔަ ގެއިން ކަޅު ދަބަހެއް ބޭރުކޮށްފައިވެއެވެ. އަދި މައްސަލަ ބަލަން ފެށި ނަމަވެސް އެ މައްސަލަ ވަކި ހިސާބަކުން އޮއްބާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެއީ ފަޒުލްއަކީ ރައީސް މުއިއްޒުއާ ގާތް މީހަކަށް ވުމުން ކަމަށްވެއެވެ.