މާލޭގެ ހުޅަނގު ފަރާތު ކޮޅުން އަލަށް ހުޅުވާލެވުނު، ބޮޑުތަކުރުފާނު މަގުގެ ބައަކީ، ބްރިޖްގެ 'މޭސްތިރިޔާ' ކަމަށް ދައުވާކުރައްވާ، މިހާރުގެ ރައީސް މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިޝްތިހާރު ކުރެއްވި މަގެކެވެ. އެތައް ބަޔަކު އުންމީދުކޮށްގެން ތިއްބައި މި މަގު ހުޅުވާލުމާއެކު، މުއިއްޒުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް މި މަގުވެސް "މުއިއްޒުވެއްޖެ" ކަމަށް ބުނަން ފަށައިފިއެވެ. ސަބަބަކީ، ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މި މަގަށް ބޮޑެތި ރާޅުތައް ޖަހަން ފަށާފައިވުމެވެ.
މިކަމާއި ގުޅިގެން މި މަގު ސިފަވަނީ މަގެއްގެ ބަދަލުގައި ދެންމެއަކު ގޮނޑުދޮށެއް ހަދާ ނިމިފައިވާ ހެން ހީވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މާލޭގައި އެންމެ ކާރުބާރު ބޮޑު މަގުތަކުގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު މަގަކީ، ދުވާލުގެ ގިނަ ވަގުތު އެތައް ހާސް އުޅަދަކާއި ފައިމަގުގައި ދަތުރުކުރާ މަގަކަށްވާއިރު މި މަގުގެ ހާލަތު މިހާ ދަށްވުމަކީ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުރައްކާތެރިވާނެ ކަމެކެވެ. ފެނުގެ އަސަރުގެ ސަބަބުން ދުއްވާ އެއްޗެހިތައް ކައްސާ، ބޮޑެތި އެކްސިޑެންޓްތަކެއް ހިނގުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. މިގޮތުން މިއީ މިހާރުގެ ވެރިކަމުގައި ކަންކަން ކުރާ ގޮތް ކަމަށާއި މިއީ "މުއިއްޒުވުމުގެ" މިސާލެއްކަމަށް ސިފަކޮށްފައިވެއެވެ.
މީގެ ކުރިން ފަސްގަނޑު ހިފަހައްޓަން ނުކުޅެދިގެން ތިން ހަތަރު ފަހަރު އަލުން ހަދަން ޖެހުނު ސިންތަޓިކް ރަނިން ޓްރެކާއި، ބަދަލުވަމުންދާ 'މުއިއްޒު ނެރު' ގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ މެރީބްރައިން ކައިރީގައި އަޅައިފައި ހުރި ތާރު، އެތައް ފަހަރަކު އަލުން އަޅަން ޖެހުނު ކަންތައްތަކަކީ މި 'މުއިއްޒުވުން' ގެ މުހިއްމު ބޮޑެތި މަޝްރޫއުތަކެވެ. މިހާރު މިބޮޑުތަކުރުފާނު މަގުގެ ރާޅު ޖެހުންވެސް މި ދަފްތަރުގެ އެންމެ އާ އިތުރުވުން ކަމުގައި ދެކެވޭއިރު، "ބްރިޖަށް ހަތަރު ލޭން އިތުރުކުރާނަން" ކަމަށް ވިދާޅުވެވުނު ބަސްފުޅުވެސް ހަމަ މުއިއްޒު ވެފައިވާކަން އެކަމަށް ހެކިދެއެވެ.
ރައްޔިތުންގެ ސުވާލަކީ މި މަގު ކިތައް ފަހަރު އަލުން ހަދަން ޖެހޭނެ ބާވައެވެ؟ ބޮޑެތި ޚަރަދުކޮށްގެން އެއް މަޝްރޫއެއް ތިން ހަތަރު ފަހަރު ހަދަމުން އަންނައިރު "މުއިއްޒު ސްޕީޑް" ގައި އެއްބުރުން އެއްކަމެއްވެސް ނިންމާލުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ހަމަ ނެތީތޯ ރައްޔިތުން ސުވާލުކުރެއެވެ.