ސަރުކާރުގެ އިސްފަޑީގައި ކޮރަޕްޝަންގެ ތުހުމަތުކުރޭ ވެރިން ފުރިފައި ތިއްބާ ރާއްޖެއަކީ ހާމަކަން ބޮޑު ނިޒާމެއް އޮތް ގައުމެއް ކަމަށް ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތާ ގުޅިގެން މުއިއްޒުއާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ "ދިވެހިރާއްޖެ ސާބިތުވެ އޮތީ، ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ގައުމެއްގެ ގޮތުގައި" ކަމަށެވެ.
އެހެންނަމަވެސް ދާދިފަހުން ސަރުކާރުން ވަނީ ބިޑުކުރުމެއްނެތި 207 މަޝްރޫއު ރައްޔިތުންެގެ މަޖިލީހުގެ ސަރުކާރުގެ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ބޮޑު އަގުގައި ދީފައެވެ.
އެތަނުން މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމްގެ ކުންފުންޏަކީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެކެވެ.
ރާއްޖެއިން 2007 ވަނަ އަހަރު އ.ދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫ.އެން.ސީ.އޭ.ސީ) ގައި ބައިވެރިވެފައިވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަވާކަމެއް ކަމަށް ވެސް މުއިއްޒު ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ "މި މުއާހަދާގެ އުސޫލުތައް، ހާމަކަން ބޮޑު، އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ" ކަމަށެވެ.
ނަމަވެސް، ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ވާހަކަ ދައްކަވައި، ނަޒާހަތްތެރިކަމަށް ވަކާލާތު ކުރައްވާއިރު، ގައުމުގެ މާލީ ބޮޑެތި މުއާމަލާތްތައް ހިންގަވަމުން ގެންދަވާ ގޮތާއި ރައީސް ދައްކަވާ ވާހަކަފުޅާ ދިމާނުވާކަން ފާހަގަކޮށް ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.