theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާލެ ސަރަހައްދުގައި ވައި ހުރި ނުރައްކާވާ މިންވަރަށް ނުސާފުކޮށް! / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
މާލެ ސަރަހައްދުގައި ވައި ހުރި ނުރައްކާވާ މިންވަރަށް ނުސާފުކޮށް!
10 ޑިސެމްބަރު 2025
މާލެ ސިޓީ

މާލެ ސަރަހައްދުގައި ވައި ހުރީ ނުރައްކާވާ މިންވަރަށް ނުސާފުކޮށް ކަން ހާމަވެއްޖެއެވެ.

އިރުވައި މޫސުމުގެ ފުރަތަމަ ދުވަހާއެކު ވެރި ރަށް މާލޭގެ ވައި މިއަދު ވަރަށް ބޮޑަށް ނުސާފުވެފައިވަނީ، އުތުރު އިންޑިއާ މަތީގައި އުފެދޭ ހިރަފުސްގަނޑު ވަޔާއެކު ރާއްޖެއަށް ދަތުރު ކުރަމުންދާތީއެވެ.

ވައި ސާފު މިންވަރު ދައްކުވައިދޭ، އައިކިއު އެއާއިން ދައްކާ ގޮތުގައި، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 40.9 މައިކްރޯގްރާމްގައެވެ.

އެއީ ޕީއެމް2.5 ހުންނަން ޖެހޭ ރައްކާތެރި މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފައިވާ މިންވަރުގެ 8.2 ގުނަ އިތުރު އަދަދެއް ކަމަށް އައިކިއު އެއާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޔޫއެސް އޭކިޔުއައި މިހާރު 104ގައި ހުރިއިރު އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލްއެވެ. އެ މިންވަރަށް ވައި ނުސާފުވުމުން، ނާޒުކު ހާލަތުގައިވާ މީހުންނަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ލަފާ ކުރެވޭ ގޮތުގައި މިއަދު މެންދުރު ފަހު ވައި ރަނގަޅުވާނެ އެވެ. އެއީ ފަހުން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ، ވާރޭއާއެކު ޖައްވު ސާފުވާނެތީއެވެ.

ވައި ނުސާފުވުމުގެ ސަބަބުން މާލެ ކައިރީ އަޅާފައި ހުރި އޮޑިދޯނިފަހަރު ވެސް ފެންނަނީ ވަރަށް ފުސްކޮށެވެ. އަދި ނުސާފުކަމުން ކައިރީ ރަށްރަށް ނުވެސް ފެނެއެވެ.

އިރުވައި މޫސުމާއެކު ޖައްވު ނުސާފުވި ނަމަވެސް މީގެ ކުރިން ރާއްޖެއަށް މިހާ ބޮޑު އަސަރެއް ނުކުރެ އެވެ. އެކަމަކު، އިންޑިއާގެ ވައި އިންތިހާއަށް ތަޣައްޔަރުވަމުންދާތީ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރަނީ އެވެ.

ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved