theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޓައިމްސް އޮފް އިންޑިއާ
ހަބަރު
ކުރިއަށް އޮތް 5 ދުވަހު ވެސް ވައި ނުސާފު، ސަމާލުވޭ!
Mariyam Isaadha
މަރިޔަމް އިސާދާ
23 ޑިސެމްބަރު 2025
މާލެ ސިޓީ

ކުރިއަށް އޮތް 5 ދުވަސް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.

މިދުވަސްވަރު ވައި ނުސާފުވެފައި ވަނީ ރާއްޖެއަށް އިރުވައި މޫސުން ފެށުމުގެ ސަބަބުން ކަމަށާ ހާއްސަ ގޮތެއްގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައި ނުސާފުކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ވައި ނުސާފުވެ އަސަރުކޮށްފައިވަނީ ހޯމަ ދުވަހު ކަމަށާ ދުރު ފެންނަ މިންވަރު 2 ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ.

މެޓުން ބުނީ ކުރިއަށް އޮތް 5 ދުވަހު ވެސް އިރު އުތުރުން އަންނަ ވަޔާއެކު، ރާއްޖެ މަތީގައި ވައި ނުސާފުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ނުރައްކާތެރި މިންވަރަކަށް މަތިވުމާ ގުޅިގެން، އާންމު ސިއްހަތަށް އޮތް ނުރައްކަލަކަށް ބަލައި "ރެޑް އެލާޓް" ވަނީ ނެރެފައެވެ.


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގައި ހުރި އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަނުން ދައްކާގޮތުގައި، ވައިގެ ނުސާފުމިން ނުވަތަ އެއަރ ކޮލިޓީ އިންޑެކްސް (AQI) ހުރީ 170 ގައެވެ. ސިއްހީ މިންގަނޑުތަކަށް ބަލާއިރު 151 އާއި 200 އާ ދެމެދުގެ ރޭޓިންގްއަކީ "ސިއްހަތަށް ނުރައްކާތެރި" (Unhealthy) މިންވަރެކެވެ. މީގެ މާނައަކީ މިކަމުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށާނެ ކަމެވެ.



ވައި ނުސާފުވުމުގެ މައިގަނޑު ސަބަބަކީ ވައިގެ ތެރޭގައި ހުންނަ ކުދި ޕާޓިކަލްސް ނުވަތަ PM2.5 އެވެ. މި މާއްދާ ހުރީ ކިއުބިކް މީޓަރަކަށް 82 މައިކްރޯގްރާމްގެ މިންވަރަށެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އިން ކަނޑައަޅާފައިވާ އަހަރީ ރައްކާތެރި މިންގަނޑަށްވުރެ ގާތްގަނޑަކަށް 16.4 ގުނަ އިތުރު މިންވަރެކެވެ.

މިއީ އިންސާނާގެ އިސްތަށްޓަކަށް ވުރެ ގާތްގަނޑަކަށް 30 ގުނަ ކުދި ޕާރޓިކަލްތަކެކެވެ. ޕާޓިކަލްތަކުގެ ކުދި ކަމުން ފުއްޕާމޭގެ ފުންމިނަށް ނޭވާލާއިރު ލޭގެ ތެރެއަށް ވެސް ވަނުން އެކަށީގެންވެއެވެ. އަދި މި މިންގަނޑަށް ވައި ނުސާފުވުމުން ހަށިގަނޑަށް އަދި ފުއްޕާމެޔަށް ކުރާ އަސަރު ބޮޑެވެ.

ވައި ނުސާފުވުމުގެ ސަބަބުން ހަމައެކަނި ފޮތި މާސްކު ނުވަތަ ޑިސްޕޯސަބަލް މާސްކުން މި ކުދި ހިރަފުހަކުން ސަލާމަތެއް ނުވެވޭނެއެވެ. މިކަމަށް ބޭނުންވާނީ އިންޑަސްޓްރިއަލް ލެވެލް މާސްކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved