
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމާގުޅޭ ޕޮލިސީ ވަނީ ފެއިލްވެފައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ ގިނަ އާއިލާތަކަށް އާމްދަނީ ލިބޭ ހަމައެކަނި ގޮތްކަމަށެވެ. ނަމަވެސް މިއަދު ގިނަ މަސްވެރިން ތިބީ ދަރަނިވެރިވެފައިކަމަށްވެސް މަލީހު ފާހަގަކުރެއްވިއެވެ.
މިއަދު ބޮޑު ކަންނެލި މަސްވެެރިންގެ ޔޫނިއަނުން ވަނީ އެމީހުންގެ ހައްގުތަކަށް ގޮވާލާ މުޒާހަރާއަށް ހުޅުމާލެ ޖެޓީ ސަރަހައްދަށް އެއްވެފައިއެވެ.
މި އިޖުތިޖާޖުގައި މަސްވެރިން އަންނަނީ ތިން ކަމަކަށް ސަރުކާރަށް ޑިމާންޑުކުރަމުންނެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުމުގެ އިތުރުން ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް އިހުތިޖާޖުގައި މަސްވެރިން އަންނަނީ ގޮވަމުންނެވެ.
މިކަމާގުޅިގެން މަލީހު ވިދާޅުވީ، މުޅި ސިނާއަތް އޮތީ ފުނޑުފުނޑުވުމުގެ މަގުމަތީގައިކަމަށެވެ. އަދި މިއަދުގެ މުޒާހަރާއަކީ ސަރުކާރަށް ހޭލުންތެރިކުރުމެއް ކަމަށް އުންމީދު ކުރާކަމަށްވެސް މަލީހު ވިދާޅުވިއެވެ.










