theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
ބާރުގެ ބޭނުންކޮށްގެން މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފި
Yana Shareef
ޔާނާ ޝަރީފް
11 ޑިސެމްބަރު 2025

ބޮޑު ކަންނެލި މަސްވެެރިންނަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ފުލުހުން ރޫޅާލައިފި އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ ބުދަ ދުވަހުގެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީގަ އެވެ. އެ މުޒާހަރާ ފެށިއިރު، ރާއްޖޭގެ އެކި ކަންކޮޅުގައި ކަންނެލި މަސްވެރިކަން ކުރާ 49 އުޅަނދު ބައިވެރިވެފައިވެއެވެ.

އެހެން ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަނުދިނުމުން އެ މީހުން ވަނީ ހުޅުމާލެ ފަޅުން ނުކުމެ، މާލެއަށް މިސްރާބު ޖަހާފައެވެ. މާލެ ކައިރީގައި އަޑުގަދަކުރާއިން ޑިމާންޑުތައް އިއްވުމަށްފަހު މުޒާހަރާގެ ބައިވެރިންގެ ދޯނިތައް އެޅީ މާލޭ އެއް ނަންބަރު ޖެޓީއާ ދިމާ ބޭރުގަ އެވެ.

އެ ތަނުގައި މުޒާހަރާގެ ބައިވެރިން ތިއްބާ ބުރާސްފަތި ދުވަހުގެ ހެނދުނު ފުލުހުން ވަނީ މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އިމިގްރޭޝަން އޮފިސަރުންނާއެކު ދޯނިތަކަށް އަަރައި، ދޯނިތަކުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެއަށްފަހު ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތަކަށް އަރައި ދެ ދޯންޏެއްގެ ކޮންޓްރޯލް ވެސް ނަގައިފަ އެވެ. އެ ދޯނިތައް ގެންދިޔައީ ފުލުހުންގެ މަރުކަޒެއް ކަމަށްވާ ދޫނިދޫއަށެވެ. މުޒާހަރާ ރުޅާލުމަށްޓަކައި، މުޒާހަރާ ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު އާއި އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މައުރޫފް އާއި އިމްރާންގެ އިތުރުން ވެސް އިތުރު މީހަކު ހައްޔަރުކުރި ކަމަށެވެ. އެ ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލާފައިވާކަމަށް ދައުވާކުރާ ސަރުކާރުން މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ރޫޅާލާ ބަޔަކު ހައްޔަރުކޮށް ދޯނިތަށް އަތުލުމުން ގިނަބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved