March 29, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފްގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ހައްޔަރުކުރި މަސްވެރިންގެ ހައްގުގައި އެންމެ ބަހެއްވެސް ފިޝަރީޒް މިނިސްޓަރު ނުބުނޭ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 12, 2025, 06:08 AM
މާލެ ސިޓީ

ބޮޑު ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މި ސަރުކާރުން އިހުމާލުވެފައިވާތީ މަސްވެރިންގެ ދުވަހާއި ދިމާކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކުރިއަށް ގެންދިޔަ މުޒާހަރާގައި މަސްވެރިންތަކެއް ހައްޔަރުކުރުމާއި ގުޅިގެން އެ ބޭފުޅުންގެ ހައްގުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެއްވެސް ވާހަކައެއް ނުދައްކާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑިސެމްބަރު 10 ވަނަ ދުވަހު ބޮޑު ކަންނެލި މަސްވެރިން ފެށި ސުލްހަވެރި މި މުޒާހަރާ މިއަދު ވަނީ ފުލުހުންގެ ބާރު ބޭނުންކޮށްގެން ރޫޅާފައެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިރޭ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓަރު ރ.ދުވާފަރުގައި މިހާރު ހުންނަވާ، 15 ވަނަ ދުވަހު މާލެ ދެވުމުން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ހައްޔަރީންގެ ދިފާއުގައި އެންމެ ބަހެއްވެސް ބުނެލަން ނުކެރުނު ކަމަށެވެ.

މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ގައުމީ ނުރައްކަލެއް ނެތް ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި ހޯމް މިނިސްޓަރު ފުލުހުންްގެ ބާރު ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައިވާއިރު، ޝިޔާމަކީވެސް މިނިސްޓަރ ލެވެލް މީހަކަށްވާއިރު މިހާރުން މިހާރަށް ހުރިހާ ކަމެއް ހުއްޓާލުމަށްފަހު މަސްވެރިންގެ ކަންބޮޑުވުންތަކަށް އެޓެންޑްވާން ޖެހޭނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ޝިޔާމަކީވެސް އިހުސާނެކޭ އެއްގޮތަށް މިނިސްޓަރ ލެވެލްގަ ހުރި މީހެއް. ޝިޔާމް އެބަޖެހޭ މިހާރުން މިހާރަށް މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާ އެކަންކަން ހައްލު ކުރުމަށް ކަންތައްތަކެއް ކޮށްދޭން. ހައްޔަރުކުރި ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލަން މަސައްކަތް ކުރުން މިހާރު އެންމެ މުހިންމު ކަމަކަށްވާންވާނީ

ރައީސް ޔާމީން ވިދާޅުވިއެވެ.

މިގޮތުން، އެއްވެސް އުސޫލެއް ހަމައެއް ނެތި ހައްޔަރުކޮށްފައިވާ މަސްވެރިން ދޫކޮށްލުމަށް މިހާރުން މިހާރަށް މިނިސްޓަރު މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ. ނަމަވެސް ހިތާމައަކީ މިވަރުވެސް މިނިސްޓަރަށް ނުވާތީ ކަމަށާއި މިއީ ހަމަ ސަރުކާރުގެ ތެރެއިން ގުޅިގެން ހިންގާ ޖަރީމާއެއް ކަމަށް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

ހުޅުމާލޭ ކަންނެލި ޖެޓީގައި އިއްޔެ ހެނދުނު 09:30 ގައި ފެށި މި ސުލްހަވެރި މުޒާހަރާ ފަހުން ވަނޫ މާލޭ ބޭރު ކަނޑުމަތީގައި ކުރިއަށް ގެންގޮސްފައެވެ. މަސްވެރިން އިހުތިޖާޖުގައި ހިމަނާފައިވާ ތިން މައިގަނޑު ޑިމާންޑެކެވެ.

އެ ޑިމާންޑުތަކުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަކީ ވެސް މަސްވެރިންގެ މުހިންމު އެދުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved