ހުޅުމާލޭގެ މަގުތަކުގައި ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި މިދިޔަ ސެޕްޓެމްބަރު މަހު ހަރުކުރި ގިނަ އަދަދެއްގެ ސްޕީޑް ބްރޭކަރުތައް، އާންމުންގެ ގިނަ ޝަކުވާތަކަށްފަހު، ރޭގެ ވަގުތެއްގައި ނަގާފިއެވެ.
މި ސްޕީޑް ބްރޭކަރުތައް ނެގުމަށް ނިންމާފައިވަނީ، އާންމުންގެ ފަރާތުން ކަންބޮޑުވުންތައް ބޮޑުވެ، ގިނަ އަދަދެއްގެ ޝަކުވާތައް ހުށަހެޅިފައި ވާތީ އާއި ރައީސް މުއިއްޒު ހުޅުމާލެއަށް ކުރާ ދަތުރުގެ ކުރިންނެވެ.
މީގެ އިތުރުން، ހުޅުމާލޭގެ މަގުތަކުގައި ދުއްވާ ފަރާތްތަކުން ވަނީ، މި ބްރޭކަރުތަކުގެ ސަބަބުން ދުއްވުމަށް ވަރަށް ބޮޑަށް އުނދަގޫވެ، އުޅަނދުތަކަށް ގެއްލުންވެ، އަދި ހަށިގަނޑަށް ތަދުވާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
ރައީސް މުއިއްޒު މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު މި ފަހުން ބޭއްވި ބައްދަލުވުންތަކުގައި ވެސް، ހުޅުމާލޭގެ ސްޕީޑް ބްރޭކަރުތައް ނެގުމަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވާ ގޮތުގައި، މި ސްޕީޑް ބްރޭކަރުތައް ހަރުކުރީ ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކޮށް، މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމުގެ މަގުސަދުގަ އެވެ. އެގޮތުން 30 އަށް ވުރެ ގިނަ ސްޕީޑް ބްރޭކަރު ހަރުކުރި ކަމަށް އޭރު ހާމަކުރި އެވެ. ނަމަވެސް، މި ބްރޭކަރުތަކާ މެދު އާންމުންގެ ކަންބޮޑުވުން އިތުރުވުމުން، އެތަކެތި ނަގަން ނިންމީ ކަމަށް ބުންޏަސް މިއީ މުއިއްޒަށް ލުއިފަސޭހަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނެ ފާޑުކިޔަމުންނެވެ.
މަގުމަތީގެ އެކްސިޑެންޓުތައް ގިނަވުމުން، އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. މީގެ ތެރޭގައި ޓްރެފިކް އެންމެ ބޮޑު ހިސާބުތަކުގައި ރައުންޑަބައުޓު ބެހެއްޓުމާއި، ބައެއް މަގުތައް އެއް ފަޅިން ދުއްވޭ ގޮތަށް (ވަންވޭ) ބަދަލުކުރުން ހިމެނެ އެވެ.
މިހާރު ސްޕީޑް ބްރޭކަރުތައް ނެގުމުން، ހުޅުމާލޭގެ މަގުތަކުގައި ދުއްވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެއެވެ.