March 19, 2026
Advertisement
.
. / މިހާރު

މަސްވެރިންގެ ހައްގުގައި އަޑުއުފުލުމުން މެންބަރު މައުރޫފް ފަސް ދުވަހަށް ބަންދުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 13, 2025, 04:46 AM

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

Advertisement

މަސްވެރިންގެ ދުވަހުން ފެށިގެން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރަމުން ދިޔަ މުޒާހަރާ ރުޅާލައި މަޓޭ އާއި ދެ ކެޔޮޅަކާއި ހަތަރު ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަޓޭ ބަންދުކުރަން ކޯޓުން އަމުރުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓިން ވަނީ އޭނާ ބަންދުކުރި މައްސަލަ ބަލަން ނިންމާފަ އެވެ. އަދި، މަޓޭ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނާ ގޮތުން ޖިނާއި ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މެންބަރަކު ތަހުގީގަކަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓު އަމުރެއް އޮންނަން ޖެހެ އެވެ.

މެންބަރަކު ހައްޔަރުކޮށްފި ހާލަތެއްގައި މަޖިލީހުގެ ރައީސަށް އެކަން ލިޔުމުން އަންގަން ޖެހެ އެވެ. ފުލުހުން މިހާތަނަށް ދިން މައުލޫމާތުގައި ބުނީ ހައްޔަރުކުރި މީހުންނަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި މީހުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved