May 26, 2026
Advertisement
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ދައުލަތަށް ލިބޭ އާމްދަނީއިން ވައްކަން ކުރުމަށް ހިންގަމުންދާ ބޮޑު ސަކަރާތެއް: މެމްބަރު މައުރޫފު
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ދައުލަތަށް ލިބޭ އާމްދަނީއިން ވައްކަން ކުރުމަށް ހިންގަމުންދާ ބޮޑު ސަކަރާތެއް: މެމްބަރު މައުރޫފު / -

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ދައުލަތަށް ލިބޭ އާމްދަނީއިން ވައްކަން ކުރުމަށް ހިންގަމުންދާ ބޮޑު ސަކަރާތެއް: މެމްބަރު މައުރޫފު

May 26, 2026, 03:37 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ނުވަތަ ދާއިމީ ހައްލެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ, ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ ދައުލަތަށް ލިބޭ އާމްދަނީއިން ވައްކަން ކުރުމަށް ހިންގަމުންދާ ބޮޑު ސަކަރާތެއްގެ ގޮތުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ސިފަކުރައްވައިފިއެވެ.

Advertisement

އޭނާ މިފަދައިން ސިފަކުރައްވާފައިވަނީ، ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މައުރޫފު ވަނީ، ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކުމުގެ ނަމުގައި ހިންގަމުންދާ ކަންކަމަކީ ދައުލަތަށް ލިބޭ ފައިސާއަށް ޚިޔާނާތްތެރިވުމަށްޓަކައި ހިންގާ ހުތުރު އަމަލެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ވެރިންގެ ނިޔަތާ މެދު ސުވާލުވެސް އުފައްދަވާފައެވެ.

މައުރޫފުގެ ވާހަކައިގައި ވަނީ، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަށް އެއްވެސް ފައިސާއެއް ބަޖެޓުގައި ހިމަނާފައެއް ނެތް ކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ މަންދޫބުން ހިމެނޭ މަޖިލީހުން އެ މަޝްރޫއަށް ބަޖެޓު ނުދީ ހިފެހެއްޓުމުން ވެސް، ކޮންމެ ގޮތަކުން ލާރި ހޯދައިގެން ވެސް އެ ފަޅު ހިއްކާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިކަން ވެސް މައުރޫފު ވަނީ ހަނދާނަށް ގެންނަވާފައެވެ.

އެ ބާރުގައި ސަރުކާރުން ވަނީ ހުޅުމާލެއިން ބޮޑު އަގުގައި އަގުހުރި ބިންތަކެއް ބޭރުގެ ކުންފުނިތަކަކަށް ވިއްކާލަން ސިއްރު އެއްބަސްވުންތަކެއް ގާއިމުކޮށްފައިކަމަށް ތުހުމަތު ކުރައްވާ މައުރޫފު ވަނީ، ރައީސް މުޢިއްޒުގެ މި 'ވެނިޓީ ޕްރޮޖެކްޓް' ނުވަތަ ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ 'ޓޯޓަލް ސޮލިއުޝަން' ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ހުސް ވައުދުތަކެއް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ރުހުމެއް ނެތި ސަރުކާރުން، ދެފުށް ނުފެންނަ ގޮތަށް ދައުލަތުގެ ފައިސާ މިފަދަ ބޮޑެތި މަޝްރޫއުތަކަށް އޮއްސަމުންދަނީ އަމިއްލަ އެދުމާއި ވައްކަމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ މައުރޫފު ވަނީ، ދައުރު ނިމޭއިރު 64,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމުކުރާނެ ކަމަށް ވިދާޅުވުމަކީ އަހަރަކު 20,000 ޔުނިޓް އެޅުން ކަމަށްވާއިރު، މިހާތަނަށް އޭގެ އެއްވެސް އަމަލީ ނަތީޖާއެއް ބިމުން ފެންނަން ނެތުމުން ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

މައުރޫފު މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ގާނޫނާ ޚިލާފަށް ބިންތައް ވިއްކަން އުޅުމުން އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ، ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މަސައްކަތް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ސަރުކާރުން ފަހުން ވަނީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްގެން އަނެއްކާވެސް އެ މަސައްކަތް ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved