June 18, 2026
Advertisement
މަލީހް ޖަމާލް
މަލީހް ޖަމާލް / ތޭރަ އޮންލައިން

ކަނޑުކޮސް ވާހަކަ ދެއްކުން ފިޔަވާ މުއިއްޒު އިތުރަށް ކުރާ ކަމެއް އެބައޮތްތޯ؟

Aiminath Sarah
އައިމިނަތް ސާރާ
Dec 13, 2025, 04:34 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑުކޮސް ވާހަކަ ދެއްކެވުން ފިޔަވާ، އިތުރަށް ކުރައްވަމުން ގެންދަވާނެ އެހެން ކަމެއް ނެތްތޯ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސުވާލު އުފައްދަވައިފިއެވެ.

Advertisement

މި ސުވާލު މަލީހް އުފައްދަވާފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ފަސްޖެހުންތަކެއް ހުރިކަމަށް ތުހުމަތު ކުރަމުންނެވެ.

މަލީހް މިކަން ފާހަގަކުރެއްވީ އެކްސްގައި މަލީހް ކުރެއްވި ޓްވީޓެއްގައެވެ. މަލީހް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ތަފާތު އެތައް ވަޢުދުތަކެއް ވެވަޑައިގެން ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ ކަނޑުކޮސް ވާހަކަފުޅު ދެއްކަވަމުން ގެންދަވާތަން ކަމަށެވެ. މަލީހް ވަނީ، ރައީސް މުއިއްޒު ކަނޑުކޮސް ވާހަކަ ދެއްކުން ފިޔަވާ އިތުރަށް ކުރާ ކަމެއް އެބައޮތްތޯ ސުވާލުކުރައްވައި، ރައްޔިތުންގެ ދިރިއުޅުމަށް ދިމާވެފައިވާ އެހެން ގިނަ މައްސަލަތަކަށް ސަރުކާރުން އަޅާނުލާކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އުމްރާނީ ތަރައްޤީގެ ވަޢުދުތަކާއި، އިޤްތިސާދީ ހާލަތު ރަނގަޅުކުރުމާއި، ސިއްހީ އަދި ތަޢުލީމީ ދާއިރާއަށް ގެނައުމަށް ވިދާޅުވި ބަދަލުތައް ގެނައުމުގައި ފަސްޖެހި ގިނަ ދުވަސްތަކެއްވަމުންދާކަމަށްވެސް މަލީހް އަލިއަޅުވައިލެއްވިއެވެ.

ޕީއެންއެފް އަކީ މިހާރުގެ ސަރުކާރަށް ފާޑުކިޔާ މައިގަނޑު ސިޔާސީ އެއް ފަރާތަށްވާއިރު، އެ ޕާޓީގެ އިސް ފަރާތްތަކުން އަންނަނީ ސަރުކާރަށް ބޮޑެތި ފަޑުކިޔުންތައް ސޯޝަލް މީޑިއާގައިވެސް އަމާޒުކުރައްވަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، އެންމެ ބޮޑަށް އިސްކަންދެއްވާ އެއް ކަމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މިނިވަންކަން ދިފާޢުކުރުމާއި، ބޭރުގެ އަސްކަރީ އެއްވެސް ބާރެއް ރާއްޖޭގައި ނުބެހެއްޓުމަށް ކަމަށް ބުނަމުން އަންނައިރު މި ކަންކަމުންވެސް އަންނަނީ ރައްޔިތުންނަށް އޮޅުވާލަމުންކަން މަލީހް ވަނީ ސިފަކުރައްވާފައެވެ.

މިއާއިއެކު ޤައުމު އޮތީ ހުއްޓިފައި ކަމަށާއި ދިވެހިރާއްޖެ ވަނީ ކޮރަޕްޝަނުން ފުރިފައިކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved