ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ޖާމިނުކޮށް ކުރީ ސަރުކާރުން ކަންކަން ހާމަނުކުރާތީ ނުރުހުން ފާޅުކުރި ބޭފުޅުން މިއަދު ސަރުކާރުގައި ތިބެމެ އެ މައުލޫމާތު ހާމަނުކުރައްވާ ސަބަބާމެދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދައިފިއެވެ.
ރައީސް ޔާމީންގެ މިފަދަ ސުވާލެއް އަމާޒުކުރެއްވީ އެމަނިކުފާނުގެ ތާއީދާއެކު މަޖިލީހަސް ނުކުންނަ ކެންޑީޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަ ދައްކަަވަމުނެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ މަތިންދާ ބޯޓުތަކާއި، ޑޯނިއާތައް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމުގެ ކަންބޮޑުވުން އޮތްއިރު އެ މައްސަލަ މަޖިލީހަށް އެކި ފަހަރު މަތިން ހުށަހެޅިއެވެ. އެގޮތުން އުތުރު ތިލަފަޅު އެގްރިމަންޓގެ މައްސަލައަކީ ވަރަށް ހޫނުވި މައްސަލައަކަށްވާއިރު އެކަމާ ދެކޮޅަށް އަޑުއުފުލަށް ރައީސް ޔާމީން ފެއްޓެވި ”އިންޑިއާ އައުޓް“ ގެ ހަރަކާތަކީ ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ކަނޑައަޅައި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް އެމަނިކުފާނު ގެންނެވި ސަރުކާރުންވެސް އެކަންކަން ހަމަ އެގޮތުގައި ބާއްވަމުން ގެންާތީ ނުރުހުން ފާޅުކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުން ވަނީ ރާއްޖެ މިނިވަން ގައުމެެއްގެ ގޮތުގައި ދެމި އޮތުމަށް ކަަމަށެވެ. އަދި އެއްވެސް ބައެއްގެ ނުފޫޒުގައި ޖެހި، ބޭނުންވާހާ ގޮތަކަށް މަސައްކަތް ކުރަން ނުޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރިކަަމަށް ބުނާ އެއްބަސްވުންތަކުގެ ތެރެއިން އުތުރު ތިލަފަޅު އެއްބަސްވުން ހާމަނުކުރާ މައްސަލައިގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އެތައް ރައްޔިތުންތަކެއް މަގުމައްޗަށް ނިކުމެ ބޮޑު ސަރުކާރަކާ ދެކޮޅުވާން މަޖުބޫރުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުން މިނިވަންކަމަށް ބުރޫ އަރާތީ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު މައުލޫމާތުތައް ކިތަންމެ ހިފެހެއްޓި ނަމަވެސް އަދިވެސް ދިވެހި ރައްޔިތުން ތިބީ އެއް ސޮފުހާއެއްގައިކަމަށާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަކަށް ނުވާނެ ކަމަށެވެ. އަދި މިއަދު ވެސް އޭރު ވެސް މިކަމުން ގެއްލުންވާން ތިބީ ދިވެހި ރައްޔިތުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިފައިންގެ އަސްކަރިއްޔާގައި އެންމެ ގިނަ ތަރިޖަހާފައި ތިބި ބޭފުޅުން.. އަރާ އިންޓަވިއު ދެއްވާފައި ހުރީ.. އަޅުގަނޑުމެން ކުރާ ސުވާލުތަކަށް.. އެއީ އުތުރުތިލަފަޅަކީ ކޮންބައެއްގެ ތަނެއް ހެއްޔޭ.. އަޅުގަނޑުމެން މި ސުވާލު ކުރިއިރު މިހާރު ހުންނެވި ރައީސާ، މިހާރުގެ ސަރުކާރުގައި ތިބި ހުރިހާ އާރުކާޓީގެ މެމްބަރުން ތިބި.. މިހާރު މި ރައީސް ވެރިކަމަށް އައިސްފަ.. ކީއްވެގެން ތޯ، އަސްކަރިއްޔާގެ ސުވާލުތަކަށް ޖަވާބު ނުދީގެން މި އުޅެނީ.. އުތުރުތިލަފަޅަކީ ދިވެހިން ޕިކުނިކް ދާތަނަކަށް ބަދަލުވެ އެއްކޮށް ނިމުނީތޯ..
އުތުރުތިލަފަަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސޮއިކުރި އެއްބަސްވުމުގެ ކޮޕީއެއް ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ނަމަވެސް މިދިޔަ ސަރުކާރުގައި އޭރު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ އެ މައުލޫމާތުތަކަކީ ތެދު ވާހަކަތަކެއްކަމަށް ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. އެ މައްސަލައިގައި އޭރު ރައީސް ޔާމީނާއި، ޕާޓީގެ މެމްބަރުން ވިދާޅުވީ އުތުރުތިލަފަޅުގައި އިންޑިއާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަޔަކަށް ޑިޕޮލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށްއޮތް 15 އަހަރަށްވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެކަން އެއްބަސްވުމުގެ ބައެއް ބައިތަކުން ހާމަވާ ކަމަށެވެ.
މި އެއްބަސްވުމުން ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާގެ ސިފައިން ތިބުމަށް މަގުފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުމެއް ނެތި އެފަދަ ނިންމުމެއް ނިންމުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާއި ހިލާފުވުންކަމަށް ބަޔާނުގައި ވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭނެކަމަށް ވެސް ތުހުމަތު ކުރިއިރު، މި ސަރުކާތަށް ތިން މަސްވިއިރު މިހާތަނަށް އެއްވެސް އެއްބަސްވުމެއްގެ މައުލޫމާތެއް އާންމުކޮށްފައި ނުވެއެވެ.