theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ސިޔާސީ
ސަރުކާރުގެ 12 ކުންފުނި ބޮޑު ގެއްލުމެއްގައި!
15 ޑިސެމްބަރު 2025

މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ސަރުކާރު ހިއްސާވާ 12 ކުންފުންނި ހިންގީ ބޮޑު ގެއްލުމެއްގައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕީސީބީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެސްއޯއީ ތަކަށް ލިބިފައި ވަނީ 13.29 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ.

ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެއްލުން ލިބިފައިވާ ކަން ޕީސީބީ ގެ ތަފާސްހިސާބުން ދެއްކި އިރު 12 ކުންފުންޏަށް ލިބުނީ ޖުމްލަ 281 މިލިއަން ރުފިޔާގެ ގެއްލުމެއް ކަން ޕީސީބީ ގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. 

މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ، ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ.

ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އައިލެންޑް އޭވިއޭޝަންއަށް 46.36 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމަށް ވެސް ޕީސީބީ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ.

ތިން ވަނަ އަށް ވެސް އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށެވެ. އެގޮތުން ތިން ވަނަ އަށް އެންމެ ބޮޑަށް ގެއްލުން ވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަށް ފުރަތަމަ ކުއަރޓަރުގައި ލިިބިފައި ވަނީ 33.72 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

މީގެ ކުރިން ފައިދާގެ ރިކޯޑުތަކާއެކު ހިންގަމުން އައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވެސް މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ބޮޑު ގެއްލުމެއް ލިބިފައި ވެ އެވެ.

އެމްޓީސީސީ އަށް 19.66 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ކުންފުންޏަށް 17.55 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. 

ތަފާސްހިސާބަށް ބަލާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަން އަށް 14.05 މިލިއަންގެ ގެއްލުން، ޓްރޭޑްނެޓް އަށް 10.55 މިލިއަންގެ ގެއްލުން، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އަށް 7.15 މިލިއަންގެ ގެއްލުން، ހައްޖު ކޯޕަރޭޝަން އަށް 6.60 މިލިއަންގެ ގެއްލުން، ޕީއެސްއެމް އަށް 5.72 މިލިއަންގެ ގެއްލުން، ބީސީސީ އަށް 3.65 މިލިއަންގެ ގެއްލުން އަދި ޕޯސްޓް ލިމިޓެޑް އަށް 2.26 މިލިއަންގެ ގެއްލުން ވަނީ ލިބިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާ ކޮށް އެފިޝަންޓް ކުރުމަށް ހިމެނިފައިވީ ނަމަވެސް މިހާތަނަށް ވެސް މިކަމަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަން މި ރިޕޯޓުން އެކަނި ވެސް ހާމަވެއެވެ.

އޭގެ އިތުރުން ސަރުކާރު ކުންފުނިތައް ނާގާބިލު ވުމުގެ ސަބަބުން އެ ފައިސާގެ ބައެއް ކުންފުނި ހިންގަން ބޭނުން ކުރާ ކަމަށް އޮޑިޓަރ ޖެނެރަލް ވެސް ވަނީ ހާމަ ކުރައްވާފަ އެވެ. 

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved