ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް ޔާމީން / ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު
ހަބަރު, ސިޔާސީ
އިސް މަގާމުތައް ތައުލީމީ ގޮތުން ފެންވަރު ދަށް މީހުންނަށް ދިނުމާއި ދެކޮޅު ހެދުމުން ޕީސީބީގެ އެސްޖީ ސަސްޕެންޑްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މޭ 2025
މާލެ ސިޓީ

ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތައް ތައުލީމީ ގޮތުން ފެންވަރު ދަށް މީހުންނަށް ދިނުމާއި ދެކޮޅު ހެދުމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން މަގާމުން ސަސްޕެންޑުކޮށްފި އެވެ.

"ތޭރަ އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުންނަށާއި ޗީފް އިންޓާނަލް އޮޑިޓަރުންގެ މަގާމަށް އާދެވޭނީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށެވެ.

ނަމަވެސް ޕީސީބީގެ ބޯޑުން މިފަހުން އާންމުކުރި އުސޫލުގައި ވާގޮތުން އައިފެކް އިން ގަބޫލުކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުން ނޫން މީހުންނަށް ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ސީއެފްއޯއިންނާއި ސީއައިއޭއިންގެ މަގާމަށް އާދެވެ އެވެ.

މިކަމާއި ދެކޮޅު ހެދި އެއް ބޭފުޅަކީ ސެކްރެޓަރީ ޖެނެރަލް ޔާމީން އެވެ. އޭނާގެ އިތުރުން ބައެއް އެހެން ޓެކްނިކަލް ސްޓާފުން ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

މިކަމާއި ޕީސީޕީގެ ވެރިން ހިންހަމަ ނުޖެހިގެން ޝަކުވާ ކުރުމުން ސީއެސްސީ ޔާމީން ސަސްޕެންޑްކުރީ އެއް މަސް ދުވަހަ ށެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ޔާމީން ސަސްޕެންޑްކުރީ އޭނައާ ގުޅޭ މައްސަލައެެއް ބަލަމުން އަންނާތީ ކަމަށެވެ.

އެސްއޯއީތަކުގެ އިސް މަގާމުތަކަށް ދަށް ފަންތީގެ މުވައްޒަފުންނަށް އާދެވޭ ގޮތަށް ޕީސީބީން ބަދަލު ގެނައީ މިދިޔަ މަހުގެ 21 ގަ އެވެ.

އައިފެކް އަކީ އެކައުންޓްސް ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަން އެވެ. އެ އޯގަނައިޒޭޝަނުގެ މެންބަރުންނަކީ ވަކި އުސޫލުތަކަކާއި ހަމަތަކެއް ހިފަހައްޓަންޖެހޭ ބައެކެވެ. އުސޫލުތަކާއި ހަމަތަކުން ބޭރުވެއްޖެ ނަމަ އައިފެކްއިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުކަމުގައި އެމީހަކަށް ނުހުރެވޭނެ އެވެ.


ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved