ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބާއްވާ އެ ޕާޓީގެ އެންމެ ބޮޑު ޖަލްސާ "ރީސެޓް" ގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެނެޓަރު ޝަރީފާ ސައީދު ރައީސް މުއިއްޒަށް ބޮޑެތި ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
މި ގޮތުން ރީސެޓް ޖަލްސާގައި ވާހަކަ ދައްކަވަމުން،ޝަރީފާ ވަނީ މުއިއްޒަށް ސަމޯއާ އެގްރީމަންޓް ބާޠިލުކުރުމަށް ކެރޭނެތޯ ސުވާލު އުފައްދަވާފައެވެ. ދީނާއި ޚިލާފަށް ހުރި ކަމަށް އާންމުންގެ ބޮޑު ބަޔަކު ގަބޫލުކުރާ މި އެގްރީމަންޓާ ދެކޮޅަށް މި ސަރުކާރުން ފިޔަވަޅެއް ނާޅާތީ ރައްޔިތުންގެ މެދުގައި ނުރުހުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަމޯއާ އެގްރީމަންޓަކީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އޭޝިޔާ، ކެރީބިއަން، އަދި ޕެސިފިކް (އޭސީޕީ) ގައުމުތަކުގެ މެދުގައި ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ އެއްބަސްވުމެކެވެ. މިއީ ކުރިން އޮތް ކޮޓޯނޫ އެގްރީމަންޓުގެ ބަދަލުގައި އެކުލަވާލެވިފައިވާ އެއްބަސްވުމެކެވެ. މިއެގްރީމަންޓުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ގައުމުތައް ގުޅިގެން މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުން ހިމެނެއެވެ.
ނަމަވެސް، މި އެގްރީމަންޓުގައި ދެޖިންސުގެ ހަމަހަމަކަމާއި، ޖިންސީ މިނިވަންކަމާ ގުޅޭ ބައެއް މާއްދާތައް ހިމެނޭތީ މިއީ ރާއްޖެ ފަދަ މުސްލިމް ގައުމަކުން އެއްބަސްވެ ސޮއި ކުރަންޖެހޭ އެއްބަސްވުމެއް ނޫންކަމަށް ބުނެ ދިވެހި ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މިއީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަންތައްތަކަށް ބާރުއަޅާ އެއްބަސްވުމެއް ކަމަށް ބުނެވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ ކުރީގެ އެމްޑީޕީ ސަރުކާރުން މި އެގްރީމަންޓުގައި ސޮއިކޮށްފައިވާއިރު، އެއިރުވެސް ބޮޑެތި އިހުތިޖާޖުތައް ކުރިއަށްދިޔައެވެ. ނަމަވެސް އިސްލާމީ ވެރިކަމެއް ކުރުމަށް މާތްﷲ ގަންދީ ހުވަޔެއް ކޮށްގެން ވެރިކަމަށް ވަޑައިގެން މިފަދަ ދީނާއި ޚިލާފު ކަންކަން ހުރި އެއްބަސްވުން އުވާލުމަށް މުއިއްޒު މަސައްކަތް ކޮށްފައިނުވާތީ ޝަރީފާ ވަނީ މިއީ މުއިއްޒުގެ ސަރުކާރާއި މެދު ކަންބޮޑުވާން ޖެހޭ ބޮޑު ކަމެއް ކަމުގައެވެ.
ޝަރީފާ ވިދާޅުވީ، އިސްލާމް ދީން ރައްކާތެރިކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތް ރައީސް މުއިއްޒުގެ ސަރުކާރުން، ދީނާ ޚިލާފު ކަމަށް ބެލެވޭ ސަމޯއާ އެގްރީމަންޓް ބާޠިލުނުކޮށް، އެ އެގްރީމަންޓުގެ ދަށުން ގުޅިފައިވާ ސަމޯއާ ގްރޫޕުން ވަކިނުވެ ދެމިއޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "ރައީސް މުއިއްޒަށް މި އެގްރީމަންޓް ބާޠިލުކުރަން ނުކެރޭނެތޯ؟ ނުވަތަ ސަމޯއާ ގްރޫޕުން ވަކިވާން ކެރޭނެތޯ؟" ޝަރީފާ ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، ޝަރީފާ ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކަށް އަލިއަޅުވާލައްވާފައެވެ. ޚާއްސަކޮށް، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުން ނިކަމެތި ހާލުގައި ޖެހިފައިވާކަން ޝަރީފާ ފާހަގަކުރެއްވިއެވެ. ކަރަންޓުގެ ބިލުތަކާއި، އަސާސީ ހިދުމަތްތަކުގެ އަގުތައް އުފުލި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ވެސް ޝަރީފާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޝަރީފާ ވާހަކަ ދައްކަވަމުން، ރާއްޖޭގެ ތެރެއިން ހިނގައިދިޔަ ބޮޑެތި މަރުގެ މައްސަލަތައް، ޚާއްސަކޮށް ޒަކިއްޔާ އަދި ޔުމްނާގެ މަރުގެ ކޭސްތައް ރަނގަޅަށް ތަހުގީގު ނުކޮށް، ސަރުކާރުން މި މައްސަލަތައް އޮއްބާލަން މަސައްކަތްކުރަމުންދާކަމަށްވެސް އަލިއަޅުވާލެއްވިއެވެ. ވެރިކަމަށް އައިއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށްދީ، އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ވައުދުތައް ވެފައިވާއިރު، މުހިއްމު މައްސަލަތައް ހައްލުނުވެ ދިގުދެމިގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް އަމަލުނުކޮށް، ދީނާ ޚިލާފު ކަންތައްތަކަށް ލުއިދީ، ރައްޔިތުން ދަތި ހާލުގައި ޖައްސަމުންދާތީ، އާންމުންގެ ތެރޭގައި ސަރުކާރަށް ހިތްހަމަނުޖެހުން އިތުރުވަމުންދާކަން ޝަރީފާ ފާހަގަކުރެއްވިއެވެ.