މިހާރު ދިވެހިރާއްޖޭގައި ކުރަމުން މިދަނީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގެ ދިލަ އަސަރު ކަމަށާއި ޤައުމު ރީސެޓް ކުރަން ވަގުތު ޖެހިއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިމަތިކުރުވި ބޮޑެތި ދަތިތަކާއިއެކުވެސް މިރޭ ކުރިއަށް ގެންދާ ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ އެންމެ ބޮޑު ޖަލްސާ "ރީސެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭގެ މޭޔަރު ކަމުގެ ދުވަސްވަރު ޑރ. މުއިއްޒު ދެއްވި ވައުދުތައް ފުއްދިފައިނުވާ ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު މިއަދުވެސް މާލޭގެ ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ.
މާލޭގެ ބިންތައް ގެއްލި، ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މާލޭގެ ކަންކަން ރަނގަޅުކޮށްދޭން ބޭނުންވާކަމަށާއި، އެކަމަށް އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށެވެ.
މުއިއްޒު އެބަ ވިދާޅުވޭ އިޤްތިސާދު އޮތީ ކޮޅަށް ޖެހިފައޭ މިހާރު، އެކަމަކު އެ މަންޒަރެއް ނުފެނޭ އިގޭތޯ، އަޅުގަނޑު މި ވާހަކަ ދައްކަނީ ހިސާބު އަދަދުތަކަށް ބަލާފަ، މި އަދަދުތައް ޝީޓަކަށް އަޅާލުމުން މި ފެންނަނީ އިޤްތިސާދު ބޯވަތަށް ޖެހިފައި އޮތްތަން. އެހެނެއްނޫންތޯ މި ފެންނަނީ
ރައީސް ޔާމީންގެ ވާހަކަފުޅުގައި، މިހާރުގެ ސަރުކާރުން ގިނަ އިހުމާލުތަކެއް ވެފައިވާ ކަމަށާއި، އެހެންވެ ޤައުމު "ރީސެޓް" ކުރަން ޖެހިފައިވާ ކަމަށް ދިވެހި ރައްޔިތުންނަށް ގޮވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ އިޤްތިޞާދު އޮތީ "ބޯވަތަށް" ޖެހިފައެވެ. ގައުމުގެ އިންފްލޭޝަން ބޮޑުވެ، ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު ބޮޑުވެފައިވާއިރު، ރައީސް މުއިއްޒު އިޤްތިޞާދު "ކޮޅަށް" ޖެހިއްޖެ ކަމަށް ވިދާޅުވި ނަމަވެސް، އެ މަންޒަރެއް ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ގައުމު މިދަނީ ފަހަތަށް ކަމަށާއި، އެއް ވެރިކަމަށް ފަހު އަނެއް ވެރިކަން ދާން ވާނީ ކުރިއަށް ކަމަށާއި ނަމަވެސް މި ގައުމު ކުރިއަށް ނުދާތާ 10 އަހަރު ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމު ކުރިއެރުވުމަށްޓަކައި އަވަސް ހައްލުތަކެއް ބޭނުންވާ ކަމަށާއި، އެކަން ކުރުމަށްޓަކައި ޤައުމުގެ ކަންކަން އަލުން ރީސެޓް ކުރަން ޖެހިފައިވާ ކަމަށެވެ.