ހިސާބު އަކުރުން ފެކްޓު ދެއްކީމަ ޖަދަލު ކުރާނެ މީހަކު ހުރެގެން ނުވާނެކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން ބޭއްވި "ރީސެޓު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ޖަލްސާގައި ސިޔާސީ މީހުން ދައްކާވާހަކައަށް ކުލަ ޖެހޭނެ ކަމަށެވެ. ނަމަވެސް ފެކްޓަށް ކުލަ ޖައްސާ އެއަށް ސިޔާސީ ކުލަ ނުޖެއްސުމަށް އެމަނިކުފާނު ވަނީ ހިސާބު އަކުރުން ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ދައްކަވާފައިއެވެ.
ސިޔާސީ މީހަކު އައިއްސަ ވިދާޅުވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަަޕްޝަން" ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އަދި ރައީސް މުއިއްޒުވެސް ވިދާޅުވަނީ މިފަދައިން ކަމަށެވެ.
ނަމަވެސް ޗާޓުތަކުން ފެންނަން އޮތީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ފެންނަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޖުޑީޝަރީއަށް މިއަދު މިވަނީ ސަރުކާރުގެ ބާރު ފޯރުވާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރީސްޓު ކުރަން އަޅުގަނޑު މި ދަންނަވާ ސަބަބަކީ، އިހަށް ދުވަހު ދެއްތޯ މި ސަރުކާރަށް ނުތަކައިގެން އޭރު ހުރި އުއްތަމަ ފަނޑިޔާރަށް ހަދިޔާ ދީފަ ފައްޓަރުބައި އަޅުވާފަ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ނަގާ އެއްލާލީ"
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފެކްޓަށް ބޭސް ކޮށްފައިވާ ޗާޓަށް ބެލުމުން ފެންނާނީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ކަމަށެވެ. އަދި އެހެން ގޮތަކަށް އެކަން ފެންނަ ނަމަ ޗާޓަށް ބަލަން ޖެހޭނީ އެކޮޅުކޮޅުންކަމަށެވެ.
މި ސިސްޓަމް ރީސެޓުކޮށް ގައުމަށް ހެޔޮ ބަދަލުގެނައުމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކޮށް ގޮވާލައްވާފައިއެވެ.