
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕާޓީ، ޕީއެންއެފްގެ ތާއީދާއެކު ނިކުތުމަކީ މާލޭ ރަައްޔިތުންގެ ފަރާތުން އިސްމާއިލް ޒަރިޔަންދަށް ލިބޭނެ އެންމެ ބޮޑު އިތުބާރުކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލް ވިދާޅުވީ، ދިވެހިރާއްޖެއަށް ބޭނުންވަނީ މޮޅެތި މެނިފެސްޓޯއެއް ނޫން ކަމަށެވެ. ދިވެހިރާއްޖެއަށް ބޭނުން ވަނީ، އިގްތިސާދީ، އުމްރާނީ އަދި ސޯޝަލް ވެލްފެއަރ ގައި ވިޝަނަކާއެއްކޮށް ޑިލިވަރ ކުރާނެ ވެރިންކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ، ރާއްޖެއަށް މިހާތަނަށް ތަފާތު ވެރިން ތަޖްރިބާ ކުރެވިއްޖެކަމަށެވެ. ނަމަވެސް މާލޭ ބްރިޖާ، ޓާމިނަލްތަކާ، ހޮސްޕިޓަލާ، ބޯހިޔާވަހިކަމުން ޒަމާނީ ކުލަ ޖައްސާދެއްވީ ރައީސް ޔާމީން އެކަނިކަމަށާއި ޚިޔާލަކީ ތަފާތު އެއްޗެއްކަމުގައި ވީނަމަވެސް، މިޙަގީގަތުގެ އަލީގައި ޒަރިޔަންދު މިއަދު މާލޭ މޭޔަރުކަމަށް ރައީސް ޔާމީންގެ ޕާޓީގެ ތާއީދާއެކު ނިކުމެ ވަޑައިގަތުމަކީ މާލޭ ރަައްޔިތުންނަށް ލިބޭނެ އެއްމެ ބޮޑު އިތުބާރުކަމަށެވެ.
އިތުރަށް އެމަނިކުފާނު ވަނީ ޒަރިޔަންދަށް ވަރަށް ހޫނު މަރުޙަބާ އެއްެވެސް އަރިސްކުރައްވާފައިއެވެ.
2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންއެފްގެ ފަރާތުން، ރިސެޓް ކެމްޕެއިންގެ ދަށުން "ދަ ނޭޝަނަލް ކެންޑިޑޭޓް" ގެ ގޮތުގަިއ ވާދަކުރައްވާނީ، ދައުލަތުގެ ބޮޑެތި މަގާމުތަކެއް ފުރުއްވާފައިވާ ޒަރިޔަންދުކަމަށް އެ ޕާޓީއިން ވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި "ރީސެޓު" ޖަލްސާގައި އިއުލާނުކޮށްފައިއެވެ.
ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު، ޕީއެންއެފްގެ ފަރާތުން ނުކުންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލުކުރަން އޭނާ ކަހަލަ ބޭފުޅަކު ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުންނެވެ.










