އިންޑިއާގެ ބިހާރުގެ ޗީފް މިނިސްޓަރު ނިތިޝް ކުމާރު، ރަސްމީ ހަރަކާތެއްގައި މުސްލިމް އަންހެން ޑޮކްޓަރެއްގެ ބުރުގާ (ހިޖާބު) ދަމައިގަތް ވީޑިއޯއެއް އާންމުވެ، އިންޑިއާގައި ވަނީ ބޮޑު މައްސަލައެއް އުފެދިފައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، އާންމުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މި ހާދިސާއާ ގުޅިގެން، ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ގިރިރާޖް ސިންގް ވަނީ ނިތިޝް ކުމާރުގެ ޢަމަލު ދިފާއުކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ބިހާރުގައި ބޭއްވުނު ރަސްމީ ހަރަކާތެއްގައި ޗީފް މިނިސްޓަރު ނިތިޝް ކުމާރު އަންހެން ޑޮކްޓަރެއްގެ ހިޖާބުގައި ދަމައިގަނެ އެކަން ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. މި ވީޑިއޯ އާންމުވުމާއެކު، އިންޑިއާގެ އެކި ކަންކޮޅުތަކުން ވަނީ ގިނަ ބަޔަކު މިކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
މި ހާދިސާއާ ގުޅިގެން ޔޫނިއަން މިނިސްޓަރު އަދި ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ ގިރިރާޖް ސިންގް ވަނީ ނިތިޝް ކުމާރު ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޗީފް މިނިސްޓަރުގެ އަމަލުގައި "ގޯސްކަމެއް ނެތް" ކަމަށާއި، މި ކަމަށް އަންނަ ފާޑުކިޔުންތައް ކުޑަކޮށްލުމަށް މަސައްކަތް ކުރެއްވިއެވެ.
ނަމަވެސް، ގިނަ ބަޔަކު ވަނީ ރުޅިވެރިކަމާއި ކަންބޮޑުވުން ގިރިގާޖަށްވެސް ފާޅުކޮށްފައެވެ. އެމީހުން ބުނީ، އެ އަމަލަކީ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، އެއީ އަންހެން މީހާގެ އަމިއްލަ ހައްގުތަކާއި ދީނީ ހައްގުތަކަށް އަރައިގަނެފައިވާ އަމަލެއް ކަމަށެވެ. އަދި އެ އަމަލަކީ ޚާއްސަކޮށް އާންމު ޕްރޮގްރާމެއްގައި އެކަށީގެން ނުވާ އަމަލެއް ކަމަށް ވަނީ ބުނެފައެވެ.
އިދިކޮޅު ލީޑަރުންނާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ މި ހާދިސާއަށް ފާޑުކިޔާފައެވެ. އެމީހުން ބުނެފައިވަނީ، އާންމު އޮފިޝަލުން ޒާތީ ވަކި ޙައްދުތަކާއި ދީނީ ރަމްޒުތަކަށް އިޙްތިރާމް ކުރަން ޖެހޭ ކަމަށާއި، އެފަދަ ޢަމަލުތައް ޙައްޤުވެގެން ނުވާނެ ކަމަށެވެ.
މިހާތަނަށް ނިތިޝް ކުމާރު ވަނީ އެ މައްސަލައާ ގުޅިގެން އާންމުންގެ ތަފްސީލީ ޖަވާބެއް ނުދެއްވާފައެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގައި ވަނީ އާންމު ދިރިއުޅުމުގައި އިހުތިރާމާއި ރުހުމާއި ދީނީ މިނިވަންކަމާ މެދު ފުޅާ ބަހުސްތަކެއް ފަށާފައެވެ.
ބީޖޭޕީ އަކީ އަބަދުވެސް މުސްލިމުންނާއި ދެކޮޅު، މުސްލިމުންނަށް އަނިޔާވެރިވުމަށް ހިތްވަރުދެމުން އަންނަ ޕާޓީއެއް ކަން ފާހަގަކުރެވެއެވެ.