ރައީސް މުޙައްމަދު މުޢިއްޒު ރާއްޖޭގައި ތިބި ބިދޭސީންނަށް ޚާއްސަކޮށްގެން ނެރުއްވި އަމުރަކީ ނަސްލީ ތަފާތުކުރުން ހިމެނޭ ސިޔާސަތެއް ކަމަށް ވިދާޅުވެ، އެ ސިޔާސަތު ވަގުތުން ބާތިލް ކުރުމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވައި މަލީހް މިހެން ވިދާޅުވެފައިވަނީ، ދައުރު ނޫހުގައި މިކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ޚަބަރެއް، މަލީހްގެ އެކްސްގައި ހިއްސާ ކުރައްވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ، "ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވާ ނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި ކަމަށް އިއުލާންކުރައްވާފައެވެ. މި ނިންމެވުން އެއީ ބިދޭސީންނަށް އަމާޒުކޮށް ހިންގާ ނަސްލީ ތަފާތުކުރުމެއް ކަމަށް މަލީހް ވަނީ ސިފަ ކުރައްވާފައެވެ.
ރައީސް މުޙައްމަދު މުޢިއްޒު، ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ދިވެހިން ނޫން މީހުން ހުއްޓުވައި ސުވާލުކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގެވީ، ބިދޭސީންގެ ތެރެއިން ބަޔަކު ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި އާންމު މަސްލަހަތު ގެއްލޭ ކަހަލަ ކަންކަން ކުރަމުންދާތީ އަދި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅޭތީ ކަމަށެވެ. ނަމަވެސް، ރޭގަނޑު ދަންވަރު ގަވާއިދާ ޚިލާފަށް މަގުތަކުގައި އުޅެނީ ހަމައެކަނި ބިދޭސީން ނޫންކަން، މަސްތުގެ ހާލަތުގައި އާއި އެނޫންވެސް ގަވާއިދާއި ގާނޫނާ ޚިލާފު ކަންތައްތައް ދިވެހިން ވެސް ކުރާ މަންޒަރުތައް ފެންނަކަން ފާހަގަކުރެވެއެވެ.
Muizz's racist policy targeting foreigners in Maldives should immediately be revoked. https://t.co/0tNEGIvjhI
— Mohamed Maleeh Jamal (@maleehjamal) December 18, 2025
ބިދޭސީންނަށް އަމާޒުކޮށް މިފަދަ ސިޔާސަތެއް ނިންމުމަކީ ރާއްޖޭގެ ކުރިމަގަށްވެސް އަދި ތަރައްގީއަށްވެސް ފަހަތަށް އެޅޭނެ ކަމެއް ކަމަށް މަލީހް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ އަގު ވެއްޓިދާނެ ކަމެއް ކަމަށާއި އެހެންކަމުން، މިއީ ވަގުތުން ބާތިލް ކުރަންޖެހޭ ސިޔާސަތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ވަކި ގައުމެއްގެ ބައެއްގެ ސަބަބުން ގައުމުގެ އަމަންކަން ގެއްލޭކަމަށް ދައުލަތުގެ އެންމެ އިސްވެރިޔާ ވިދާޅުވުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފު ކަމެކެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ ބާރު އޮންނަ ފަރާތްތަކަށް ވަކި ނަސްލެއްގެ ބަޔަކަށް އަމާޒުކޮށް ކޯޓު އަމުރެއް ނެތި ބާރު ހިންގުމަށް އެންގުމަކީ ބޮޑު ގޯހެއް ކަމަށާއި، މިކަމުގެ ސަބަބުން ފުލުހުންގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް ބެލެވެއެވެ.