April 24, 2026
Advertisement
.
. / ރައީސް އޮފިސް

ދޮން އަނބެއް މުއިއްޒާއި ހަވާލުކުރިޔަސް އިސާހިތަކު އެ ބަދަލުވެގެންދާނީ ދޮން ދުބުރިއަކަށް: މަލީހު

Yana Shareef
ޔާނާ ޝަރީފް
Dec 21, 2025, 06:34 AM

ދޮން އަނބެއް ރައީސް މުހައްމަދު މުއިއްޒާއި ހަވާލުކުރިޔަސް އިސާހިތަކު އެ ބަދަލުވެގެންދާނީ ދޮން ދުބުރިއަކަށްކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރު ކުންފުނިތަކުގެ ދަރަނި އިތުރުވެ 37 ބިލިއަނަށް އަރައި، އެންމެ ބޮޑު ދަރަންޏެއް އެމްއޭސީއެލްގައި އޮތުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ ދޮން އަނބެއް ރައީސް މުހައްމަދު މުއިއްޒާއި ހަވާލުކުރިޔަސް އިސާހިތަކު އެ ބަދަލުވެގެންދާނީ ދޮން ދުބުރިއަކަށްކަމަށެވެ. މުއިއްޒަކީ ޤައުމެއް ހިންގޭ ފެންވަރު ބޭފުޅެއް ނޫންކަމަށް ވެސް މަލީހުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ދަރަންޏެއް އޮތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ނެރެފައިވާ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އެބަ އޮތެވެ. އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައެވެ. އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 11.7 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ.

ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައެވެ. އެ ކޯޕަރޭޝަނުގައި 9.3 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ.

ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ، 3.2 ބިލިއަނުގައެވެ. އެހެންވެ، އެއީ މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓު އިތުރުވުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved