ސަރުކާރު ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ނެރެފައިވާ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އެބަ އޮތެވެ.
އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައެވެ. އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 11.7 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ.
ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައެވެ. އެ ކޯޕަރޭޝަނުގައި 9.3 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ، 3.2 ބިލިއަނުގައެވެ. އެހެންވެ، އެއީ މިދިޔަ އަހަރަށް ވުރެ 24 ޕަސެންޓު އިތުރުވުމެކެވެ.
އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އުފައްދާފައި އޮތީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ. މިގޮތުން، އެ ކުންފުނީގެ ދަރަނި 2.7 ބިލިއަނަށް އަރައެވެ.
ކުންފުނިތަކުގެ ދަރަނި 37 ބިލިއަނަށް އެރިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 34.7 ބިލިއަން ރުފިޔާގައެވެ. އެހެންވެ، މި އަހަރު މި އައީ 6.8 ޕަސެންޓްގެ އިތުރުވުމެކެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ ކުންފުނިތަކުގެ އާމްދަނީ ވަނީ ނުވަ ޕަސެންޓަށް ދަށްވެފައެވެ. ނަމަވެސް، ކުންފުނިތަކުގެ ފައިދާ 10 ޕަސެންޓަށް އިތުރުވެފައިވާކަން ހިސާބުތަކުން އެނގެއެވެ.