theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ރިޕޯޓު
ރައީސްގެ "ރައްޔިތުންގެ އަޑުއެހުން": ބޮޑާކަމާއި އަޅުވެތިކަމުގެ ހެއްކެއް، ނުވަތަ ޚުދުމުހުތާރުކަމުގެ ޝޯއެއް؟
Aiminath Zawjah
އައިމިނަތް ޒަޢުޖާ
21 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މެންދަން ވަންދެންވެސް ރައްޔިތުންގެ އަޑު އަހަން އިންނަ ކަމަށް ސަރުކާރުގެ ފަރާތުން ބޮޑުތަނުން ޕްރޮމޯޓް ކުރާ އިރު އެމަނިކުފާނުގެ ސަރުކާރަށް 02 އަހަރު ވެގެން ދިޔައިރުވެސް ރައްޔިތުންގެ އެއްވެސް މައްސަލައަކަށް ހައްލު ހޯދުމަށް ވަނީ ނުކުޅެދިފައެވެ. އޮފުދާރު ހެޑްލައިންތަކުން ސަރުކާރު ޕްރޮމޯޓް ކުރުމަށް ރައީސް މުއިއްޒުގެ ބޮޓުން ހޭބޯނާރާ އުޅޭއިރު ރައްޔިތުން ބުނަނީ މިއީ 21 ވަނަ ގަރުނުގައި ދައްކުވައިދޭންޖެހޭ ވެރިކަމެއް ނޫން ކަމަށާއި، މިއީ އަޅުވެތިކަމާއި ޚުދުމުހުތާރުކަން ހާމަވާ ކަމެއް ކަމަށެވެ.

ފަހުގެ ތާރީޚެއްގައި އެއްވެސް ޤައުމެއްގެ ވެރިއަކު ރައްޔިތުން އެއްކޮށްގެން ސަނާ ކިޔުއްވުމުގެ އިތުރުން މިވަރަށް ތަކުރާރުކޮށް އާދޭސް ކުރުވި މަންޒަރެއް އެތައް ގަރުނެއްގެ މާޒީއަށް ބިނާކޮށް ހަދާފައިވާ ރަސްކަމުގެ ފިލްމަކުންވެސް މިހާތަނަށް ފެނިފައި ނުވެއެވެ. މިއީ ރައްޔިތުން ކުޑަ ކަކޫ މައްޗަށް ތިރިކޮށް، ކުރުނީސްކޮށް ރަސްގެފާނަށް އާދޭސް ދެންނެވީމާ ރަސްގެފާނު ބަސް އިއްވުން ފަދަ ބޮޑާކަމާއި ކިބުރުވެރިކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ރައްޔިތުންނާއި ބައްދަލުކުރަން ގައުމުގެ ވަލިއްޔުލްއަމްރު ދާއިރު، ޤައުމުގެ ވެރިޔާއަށް ރައްޔިތުންގެ ނުވަތަ އެ ދާއިރާތަކުގެ ކަންބޮޑުވުންތައް ކުރިންވެސް އެނގި، މައްސަލަތަކުގެ ހައްލު ހޯދައިދޭނެ ގޮތްތަކާއި މަޝްވަރާކުރެވޭނެ ގޮތްތައް އެނގިފައި އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް، މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންތަކުގައި ފެނިގެންދަނީ ހުސް ހޮޅި ވާހަކަ ދައްކާ، ރައްޔިތުން ހައްލާލުމުގެ އަމަލުތަކެވެ. އަދި މިފަދަ ބައްދަލުވުންތަކަށް ދިޔުމުގެ ކުރިން މުއިއްޒަށް ސަނާ ކިޔާނެ މީހުން ކަނޑައަޅާ ރައްޔިތުން "ގަތުމަށް" އެކި އުކުޅުތައް ބޭނުންކުރާ މަންޒަރު އަންނަނީ ފެންނަމުންނެވެ.

މިގޮތުން، ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި މުއިއްޒު ބައްދަލުކުރުމުގެ ކުރިން، ހިޔާ ފްލެޓްތަކުގެ ޖޫރިމަނާތައް މާފުކޮށްފައިވާ ކަމަށް ބުނެ ސިޓީ ފޮނުވުމަކީ، ރައްޔިތުން ލައްވާ ސަނާ ކިޔުއްވުމަށް ކުރެވުނު އުކުޅެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. މިކަމުގެ ސަބަބުން އަބަދުވެސް ކުލި ދައްކާ މީހުންނަށާއި، ކުއްޔަށް އުޅޭ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ ވަނީ މި ފަރާތްތަކުގެ ޝަކުވާއިން ފުރިފައެވެ. މިފަދަ ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން، ރައްޔިތުންގެ ޝަކުވާތަކަށް އަޑުއަހާ ހެދުމުގެ ބަދަލުގައި މިފަދަ އުކުޅުތަކަށް ސަރުކާރުން އިސްކަންދިނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

މިކަމުގެ އެންމެ ފާޅުކަންބޮޑު އެއް މިސާލަކީ، ހުޅުމާލޭގައި ބެހެއްޓި ބަމްޕަރުތަކުގެ ޝަކުވާ ރައްޔިތުން އިންތިހާއަށް ކުރަމުންދިޔައިރުވެސް އެ ބަމްޕަރުތައް ނުނަގާ، ރައީސް މުއިއްޒު ހުޅުމާލެ ވަޑައިގަންނަވަންވާއިރަށް އެ ބަމްޕަރުތައް ނެގުމެވެ. މިކަމުން ހާމަވަނީ ރައްޔިތުންގެ ޝަކުވާތަކަށް އަޑުނާހާ، ވަކި ކަހަލަ ބައްދަލުވުންތަކަށް ނުވަތަ ދަތުރުފުޅުތަކަށް ޚާއްސަކޮށް ބައެއް ކަންކަން ހައްލުކުރަން މަސައްކަތްކުރާ ކަމެވެ. މިކަމުން ހާމަވަނީ ރައްޔިތުންގެ ހަގީގީ އަޑު އިވޭކަމަށް ދައުވާކުރި ނަމަވެސް، ހަގީގަތުގައި  އެ އަޑު ސަރުކާރުން ނާހާކަމެވެ.

މިފަދަ "ރައްޔިތުންގެ ބައްދަލުވުންތަކަށް" ސަރުކާރުގެ ބޮޑު ބަޖެޓެއް ޚަރަދުކުރެވޭ ކަމަށް ވާއިރު، މި ބައްދަލުވުންތަކުގެ ހަގީގީ މަގްސަދުތަކާ މެދު ސުވާލު އުފެދެއެވެ. ޒަމާނީ ޑިމޮކްރަސީގައި ރައްޔިތުންގެ އަޑުއެހުމަށް ގާއިމުކުރެވިފައިވާ މުއައްސަސާތައް ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ މިނިސްޓްރީތަކާއި، ކައުންސިލްތައް ފަދަ ތަންތަނަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅޭނެ ނިޒާމެއް އޮވެއެވެ. ނަމަވެސް، މިފަދަ "ޚާއްސަ" ބައްދަލުވުންތައް ބޭއްވާ ރޭ ހަތަރުދަމު ވެރިމީހާ ނުނިދާ ރައްޔިތުންގެ އަޑު އަހަން އިން ކަން ދައްކުވައިދޭން ސަރުކާރުން މަސައްކަތް ކުރުމަކީ ހަގީގަތުގައިވެސް ހިތާމަހުރި ކަމެކެވެ. ރަގަޅު ވެރިކަމަކީ މިފަދައިން "ޝޯއޮފް" ނުކޮށް އަމަލުން ރައްޔިތުންގެ އިހުސާސް އަޑުއަހާކަން ދެއްކުންކަން ގައިމެވެ.

މީގެ އިތުރުން، ރައީސް ރައްޔިތުންނާ ބައްދަލުކުރައްވައި ވައުދުތައް ވެވަޑައިގަންނަވާއިރު، އެ ވައުދުތައް ފުއްދުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅުއްވައެވެ. ނަމަވެސް، މި މުއްދަތުތައް ހަމަވާއިރު ވައުދުތައް ނުފުއްދިއްޖެނަމަ، ރައްޔިތުންގެ ތެރޭގައި ސަރުކާރަށް އޮންނަ އިތުބާރު ކުޑަވެ، ނުރުހުން އުފެދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ހަގީގީ މަސައްކަތުގެ ބަދަލުގައި "ޝޯ" ދެއްކުމަށް އިސްކަންދެވޭ ކަމަށް ރައްޔިތުންނަށް ހީވުމަކީ، ދިގު މުއްދަތުގައި ވެރިކަމަށް ލިބޭނެ ގެއްލުމެކެވެ. ރައްޔިތުން ބޭނުންވަނީ ހަގީގީ ހައްލުތަކާއި ހެޔޮ ބަދަލުތަކެވެ.

ރައީސް މުއިއްޒުގެ "ރައްޔިތުންގެ އަޑުއެހުމުގެ" މި ކެމްޕޭނަކީ ސަރުކާރުން ރައްޔިތުންނާ ގާތްވުމަށް ކުރާ މަސައްކަތެއް ކަމަށް ދައުވާކުރި ނަމަވެސް، މިހާތަނަށް ފެންނަމުންދަނީ އެއަށްވުރެ ބޮޑަށް ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ. ޚުދުމުހުތާރު ކަމާއި އަޅުވެތިކަން ހާމަވާ މިފަދަ އަމަލުތަކުން ޒަމާނީ ޑިމޮކްރަސީއެއްގައި ވެރިއަކު އަމަލުކުރަންޖެހޭ ގޮތާ ޚިލާފުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހަގީގީ ހައްލު ހޯދައިދީ، އިތުބާރު ކާމިޔާބުކުރުމަށްޓަކައި، ސަރުކާރުން އެތެރޭގެ އުސޫލުތައް ބަދަލުކޮށް، ޒިންމާދާރު ވެރިކަމެއްގެ މިސާލު ދެއްކުމަށް ގޮވާލާ އަޑުތައް ދަނީ ބާރުގަދަވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved