ޑެންގީ ހުން ޖެހޭ މިންވަރު އިތުުރވަމުންދާތީ އެކަމަށް ސަމާޅުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފައިވާ ގޮތުގައި، ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން މަދިރީގެ ކިބައިން ރައްކާތެރިވުމާއި، މަދިރި މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތުވި އޮކްޓޫބަރު މަހުން ފެށިގެން ޑެންގީ ހުން ފެތުރެމުން އަންނަ މިންވަރު އިތުރުވެފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާފައިވާއިރު، 4،400 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ޖުލައި މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު ވަނީ 194 ކަށް އަރާފައެވެ. ޖޫން މަހާއި އަޅާ ބަލާއިރު، ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 20 ކޭސް އިތުރަށް ރިޕޯޓުކުރިއިރު އެޗްޕީއޭއިން ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޑެންގީ ހުން އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 260 މީހަކު ރިޕޯޓުކުރިއެވެ. އެކަމަކު، އޮކްޓޫބަރު މަހު އެ އަދަދު ހުރީ، 342 އަށް އިތުރުވެފައެވެ. އަދި މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި މިންވަރަށްވުރެ، އިތުރު އަދަދެކެވެ.
އެޗްޕީއޭއިން ބުނީ ޑެންގީ ހުން ޖެހިއްޖެނަމަ ގިނައިން އަރާމު ކުރުމާއެކު ދިޔާ ތަކެތި ބުއިން އިތުރުކުރަން ވާނެކަމަށެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމާއެކު ހުން މަޑުކުރުމަށާއި ގައިގެ ރިހުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވާ އިތުރު ބޭސްތައް ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މަދިރިން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށާއި، މަދިރި ގޭތެރެއަށް ވަނުން މަދުކުރުމަށް ކުޑަދޮރު އަދި ޖާލިފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަށް ވަނީ އެދިފައެވެ. އަދި މީގެ އިތުރުން މަދިރި އާންމުކޮށް ގިނަވާ ވަގުތުތަކުގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި އީޑީސް މަދިރި އެންމެ ގިނަ ވަނީ ހެނދުނުގެ ވަގުތުގައެވެ. އެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަ ވާނީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. އެހެންކަމުން ހުރިހާ ވަގުތެއްގައި ވެސް ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމަށް މުހިންމު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.
We have noticed an increase in dengue cases. Protect yourself with #BitePrevention.
— Health Protection Agency (@HPA_MV) December 20, 2025
Eliminate mosquito breeding sites and empty water-holding containers weekly.
Feeling unwell? Rest, stay hydrated, and seek medical care if symptoms worsen.
Stay safe, stay dengue-free.… pic.twitter.com/T5lfsb4DZd
މީގެ އިތުރުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ ޑެންގީއިން ސަލާމާތްވުމަށް އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅުކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައި ވަނީ ގެއާއި ގޯތި ތެރޭގައި ފެން ހަރުލާހެން ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ސާފުކުރަން ވާނެކަމަށެވެ. އަދި ގަސްމުށްޓާއި ތާންގީ ފަދަ ތަކެތި ފެން ނޭޅޭނެހެން ބަންޑުން ޖެހުމާއި މަތިއެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެ އެޖެންސީން އިތުރަށް ބުނީ ޑެންގީ ފަތުރާ އީޑީސް މަދިރި، ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އާލާވާނޭ ކަމަށެވެ. އަދި މިފަދަ ފެން ހަރުލާފައި ހުންނަ ތަކެތިން ފެން ހުސް ކުރިޔަސް މަދިރި ބިސް، އެ ތަކެތީގައި ހަރުލައި، ހަލާކުނުވެ ހަ މަސް ވަންދެން ހުންނަކަމަށް ބުންޏެވެ. އެހެންކަމުން މިފަދަ ތަކެތި ވަރަށް ރަނގަޅަށް ސާފު ކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޑެންގީ ހުން ފެތުރެނީ، އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި އީޑީސް މަދިރި ހެފުމަށް ފަހު، ގޮސް އެހެން މީހުންގެ ގައިގައި ހެފުމުންނެވެ.