ރައީސުލްޖުމްހޫރިއްޔާ ހެޔޮ ނިޔަތުގައި ރައްޔިތުންނާއި ބައްދަލު ކުރުމަކީ ބޭނުންތެރި ކަމެކެވެ. ދޮގު ހެދުމާއި މަކަރުހެދުމާއި އޮޅުވާލުމުގެ ތުހުމަތު ރައްޔިތުން ކުރަމުންދާ ރައީސަކު ނަމަވެސް 2 އަހަރު ކޮށްފައި ރައްޔިތުންނާއި ބައްދަލު ކުރާއިރު ރައްޔިތުންގެ އުދާސްތަކާއި އެ އުދާސްތަކަށް ދޭނެ ފަރުވާ އިއުލާނު ކުރުމަކީ ހެޔޮވެރިކަމެއް ކުރާ ވެރިއެއްގެ ކިބައިން ފެންނަންވާނެ ކަންކަން ކަމުގައި ދެކެމެވެ.
ދައުލަތް ހިންގުމުގައި އެކި މަގާމުތަކުގައި މީހުން ތިބެނީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެކަންކަމަށް ގެނެސް ދެވޭނެ ހައްލުތައް މަޝްވަރާކޮށް ރައްޔިތުންނަށް ތަސައްލީއެއް ހޯދާދޭން ބޭނުންކުރާ ފާލަމެއްގެ ގޮތުގައެވެ. ނަމަވެސް ދައުލަތް ހިންގުމުގެ ބާރާއި ރައްޔިތުންނާއި އޮންނަންޖެހޭ ގުޅުން ރަގަޅު ނުވުމުގެ ސަބަބަކަށް ވަނީ ވެރިއަކަށް ހުންނަ މީހާއާއި ދިމާލަށް ބައްދަލުވުންތަކުގައި ރައްޔިޔިތުންގެ ހިތުގެ އާދޭސްތައް ބަންޑުން ކޮށްލުމެވެ.
މިނިސްޓަރުންނާއި ރައްޔިތުންނާއި ގުޅުމެއްނެތްކަމާއި އޭގެ ދަށުންތިބި ސްޓޭޓް މިނިސްޓަރުންނާއި ރައްޔިތުންނާއި ދެމެދުގައިވާ ގުޅުން ކެޑިފައިވާކަން އަވަށްތަކުގެ ރައްޔިތުންނާއި ރައީސް ބައްދަލު ކުރުމުން ދޭހަވެއެވެ. ދައުލަތުގެ ކުންފުނިތަކުގެ ވެރީންނާއި މެދު ކަންބޮޑުވުންތައް ހުރި މިންވަރު މި ބައްދަލުވުންތަކުން ދޭހަވެއެވެ.
ރައްޔިތުންނަށް އެކި ކަހަލަ ވައުދުތައް ވެގެން ހޮވޭ ސަރުކާރުތައް ފާލުންނެއްޓި ރައީސް މީހާއަކީ ދޮގުވެރިއެއްކަން ކުރިމަތީގައި ބުނަމުން ދިއުން ދޭހަކޮށްދެނީ ރައީސެއްގެ ކެތްތެރިކަމެއް ނޫނެވެ. ރައްޔިތުން ފޫހިވެފައިވާ މިންވަރެވެ. ރައްޔިތުންނާއި ބައްދަލު ކުރުމުގެ ސިލްސިލާއެއް ކުރިއަށް ގެންދިއުމަކީ ވަރަށްވެސް މުހިންމު ބޭނުންތެރިކަމެކެވެ.
ނަމަވެސް ބައްދަލުވުންތަކަށް ތައްޔާރުވުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ހަޔާތުގައި އުފެދުނު އެންމެ މަތިބަރު ސަރުކާރުގެ ވަޒީރުންގެ ދަށުން މަސައްކަތް ކުރަމުންދާ މީހުންނީ ރައްޔިތުންނާއި ގުޅުން ރަގަޅު ބައެއް ނަމަ ރައީސަކަށް ކެޔޮޅަކު ރަތް މަހަށް ބަވާ ވަރަށް ކުރު ދޮށިން ދޭކަށް ނުކެރޭނެއެވެ. ކޮންމެވެސް ކަންތައްތަކެއް ގޯސްވެފައިވާކަން ޔަގީންވެއެވެ.
އާންމުކޮށް އިވޭ ބައެއް ވާހަކަތަކަކީ ގެދޮރާއި ފުލެޓުގެ ވާހަކައެވެ. ރައީސް ވެރިކަމަށް އަރަން ހެދި އެއްދޮގު ކަމަށް ރައްޔިތުން ބުނާ އެއް ކަމަކީ ކުރީ ސަރުކާރުން ދިން ގޯއްޗާއި ފުލެޓަށް ބަދަލެއް ނުގެނެސް އެ ތަންތަނުގެ ހައްގުވެރީންނަށް އުނިއިތުރެއް ނެތި ރަނުން ރަނަށް ދޭނެ ވާހަކައެވެ. ނަމަވެސް މިނިސްޓަރު ފަހުން ވިދާޅުވަނީ އެއީ ނާއިންސާފު ކަމަށެވެ. އެބޭ ފުޅާގެ ގޮތްކުޑަ ކަމުގެ ވާހަކައެވެ. ޖަވާބުދާރީ ނުވާ ވާހަކައެވެ. މިނިސްޓްރީއަށް ދިއުމުން ބައްދަލު ކުރަން ދެކޮޅު ހަދާ ވާހަކައެވެ.
ރައީސް މީހާއަށް އެކަމަށް މިހާރު ކަމެއް ނުކުރެވި ރައްޔިތުންނާއި ޖަދަލު ކުރަން ފެށުމުން ދޭހަވަނީ ކުރީ ސަރުކާރުގެ ފުލެޓާއި ބިމުގެ ވާހަކައަކީ ރިޔާސީ އިންތިހާބުގައި ހުސްބުޅީގައި މަސްބާނަން އުކި އެންތަކެއް ކަމެވެ. ޓެކްސީ ތަކުގެ ޑްރައިވަރުންގެ މަސައްކަތް ނިކަމެތި ވާގޮތަށް ސަރުކާރުގެ ކުންފުންޏަކުން ޓެކްސީ ލައިނެއް އުފައްދާ ވާހަކައެވެ. ޓްރާންސްޕޯޓު މިނިސްޓަރު ދައްކަނީ ދެއިރު ދެ ވާހަކައެވެ. ބައެއް މީހުން ބުނާ ގޮތުންނަމަ ކޮންމެވެސް އެއްވަގުތަކު ހުންނަވަނީ ހިނދުކޮޅެއްގައި ކަމެވެ. ޒުވާނުން ކުއްވެރިންނަށް ހަދާ ގޭންގް ސްޓާރުންތަކެއް އުދެއްދީ އެވެ. ވޯޓަށް ޒުވާނުންނަކީ ވަރަށް ބޭނުންތެރި ގައުމުގެ ހަކަތައެވެ.
ދާހިލީ ވަޒީރުގެ ބަސް މަގު މުޅީން ތަފާތެވެ. ޒުވާން ވެއްޖެއްޔާ ވާންވާނީ ކުށްވެރިއަކަށެވެ. ކޮމިޝަނަރުގެ ހިސާބުތަކުގައި އަލަށް ކުށުގެ ވެއްޓަށް ވަންނަނީ 18 އަހަރު ނުވާ ކުދީންނެވެ. ނަމަވެސް ރައީސް ދޭނެ ޖަވާބެއް ނެތެވެ. މަގުން ބުޅާ ހުސްކޮށް ހެދި ބުޅާ ފެސިލިޓީ ހުރީ ހުހަށް ކަމަށާއި އެތާގައި އޮތީ މުންދުގެ ބުޅާތައް އެކަނި ކަމަށް ބުނެއެވެ. ރައީސް ގެ ޖަވާބެއް ނެތެވެ. ޒުވާން ވިޔަފާރި ވެރިން ދަރާ ހުލިވެއްޖެއެވެ. ޑޮލަރުގެ އަގުތައް ހުރީ ދުވަހަކުވެސް ނާރާވަރަށް މައްޗަށް ގޮހެވެ. އިންވެސްޓް ބޭންކު ވީތަނެއް އެގޭ މީހަކު ނެތެވެ. މިނިސްޓަރު ހުރީ ހަނެވެ. ބަންކަރިން އޮތީ ބަނޑުވަތަށެވެ. މިނިސްޓަރުހުރީ ހަނު ބޯޑުގައެވެ. މިވަރުން ރައީސް މީހާ މި ނެރުނީ ގަން ހިންގާން ކަމަށް ބުނުމަކީ ކުށަކަށް ނުވާނެއެވެ.
ރައީސެވެ. ދިވެހިންނަކީ ތޫނުފިލި ބައެކެވެ. ބައްދަލުވުންތަކުގައި ދައުލަތުގެ ކުންފުނިތަކަށް ކަންކަން ކުރާން އަންގާއިރު ކުންފުނިތައް ހިނގާ ގޮތް ދަންނަ މީހުން އުޅެއެވެ. އެ ތަންތަނުގައި ބޯޑެއް އޮވެއެވެ. އެ ބޯޑުތަކުން ނުނިންމާ ކުރާ ކަންކަން ވާނީ ކޮރަޕްޝަނަށެވެ. އެއީ އުސޫލުން ބޭރުވީމައެވެ. ނޫނީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރީންނާއި ބޯޑުތަކާއި މިނިވަން މުވައްސަސާތައް އުވާލާށެވެ. ހުރިހާ ތާކަށް ދައުލަތުން ކަނޑައަޅާ އެންމެ އިސް މީހަކީ ރައީސުލްޖުމަހޫރިއްޔާ ކަމަށް ނިންމާ ސަރުކާރު ބޮނބިނަރަކަށް ހިމަ ކޮށްލާށެވެ.