ގައުމުގައި ކޮރަޕްޝަން އިތުރުވަނީ ޕަބްލިކު އޮފީސް ހޯލްޑާސް ގާނޫނުގައި އޮންނަ ގޮތަށް ކަން ނުކުރުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ބޭނުންވާ ބަދަލުތައް ގެނައުމަށް ޕީއެންއެފުން މި މަހުގެ 17 ވަނަ ދުވަހުގެރޭ ލޯންޗުކުރި ގައުމީ ބޮޑު ކެމްޕެއިން، "ރީސެޓު" އިފްތިތާހުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެ އޮތީ ދުނިޔޭގެ ކޮރަޕްޝަންގެ ރޭކިންގެ 40 ވަނައިގައި ކަމަށާ އެއީ ދުނިޔޭގެ 186 ގައުމުގެ ތެރެއިން ލިބިފައި އޮތް ފަހުރުވެރި ނަތީޖާއެއް ކަމަށެވެ.
ނަމަވެސް ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވި ރައީސް އިބްރާހިމު މުހައްމަދު ސޯލިހު އާއި އަދި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ އިންޑެކްސްގައި ވެއްޓިގެން ދިޔައީ އިންތިހާއަށް ދަށަށް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް އިބޫގެ ސަރުކާރުގައި، 80 ގެ ވަނަ ތަކުގައި އޮތްއިރު ރައީސް މުއިއްޒުގެ ސަރުކާރުގައި އޮތީ 96 ވަނައިގައި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ހިސާބު އަކުރުތައް ދޮގު ނުހަދާނެ ކަމަށާ ކޮރަޕްޝަން ނުހުއްޓުވިގެން އުޅެނީ ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކުރަން ތިބި ދައުލަތުގެ ވެރިން އެކަންކަން ކުރަން ބޭނުންނުވާތީ ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނެނީ ބޮޑެތި މީހުންގެ މައްސަލަތައް ކަމަށްވެފައި ޕަބްލިކު އޮފީސް ހޯލްޑަރުންގެ ގޮތުގައި ތިއްބެވި އޮޑިޓަރ ޖެނެރަލް އާ ޕްރޮސެކިއުޓަރ ޖެނެރަލްމެން ފަދަ ބޭފުޅުންނަށް ބަލަން ނުކުރެނީ ކަމަށާ ސަބަބަބަކީ ގާބިލުކަން ނެތުން ނޫންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެބޭފުޅުން އެ މައްސަލަތައް ނުބަލަނީ އިނގިލި ފިހި ދާނެތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލައަކީ ތަހުގީގުގެ ފޭރާން ދަށްވުން ކަމަށެވެ.