ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވަންޏާ ޝުޖާއުގެ މައްސަލަ ބަލަން އަމުުރު ކުރެއްވުމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު މުއިއްޒަށް ޗެލެނެްޖު ކުރައްވައިފިއެވެ.
ގައުމުގެ ކަންކަން ހަމަމަގަށް އަޅުވަން ބޭނުންވާ ބަދަލުތައް ގެނައުމަށް ޕީއެންއެފުން މި މަހުގެ 17 ވަނަ ދުވަހުގެރޭ ލޯންޗުކުރި ގައުމީ ބޮޑު ކެމްޕެއިން، "ރީސެޓު" އިފްތިތާހުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކޮރަޕްޝަންގެ އިންޑެކްސް މިހާރު އޮތީ 96 ވަނަ ރޭންކަށް ވެއްޓިފައި ކަމަށާ މިއީ ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވާ ވެރިންގެ ވެރިކަމުގައި ކޮރަޕްޝަންގެ ހާލަތު ކަމަށެވެ.
އެގޮތުން ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ ރައީސް މުއިއްޒުގެ ސަރުކާރުގައިވެސް ރާއްޖެ އޮތީ ކޮރަޕްޝަންގެ ގޮތުން ނުހަނު ދަށު ދަރަޖައިގައި ކަމަށާ ކޮރަޕްޝަން ނުހިދިގެން އުޅެނީ ތަހުގީގުގެ ފޭރާން ދަށް ވުމުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެގޮތުން ސަރުކާރުތަކުގެ ބޮޑުން ހިމެނޭހެން ކޮރަޕްޝަން ހިނގަމުން އަންނައިރު އެކަންކަން ބަލަން ތިއްބަވާ މިނިވަން މުއައްސަސާތަކުގެ ވެރިން އެކަމަށް ނުކުލެދިފައިވާ ކަމަާ އެއީ ބޮޑުންނާ ގުޅުން ހުރި މައްސަލަތަކެއް ބަަލއިފި ނަމަ އެމީހުންގެ މަގާމުތައް ގެއްލި ހޫނު ފެނަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައިސް ޔާމީން ވަނީ ރައީސް މުއިއްޒު ދާދި ފަހުން ދުނިޔޭގެ ފެންވަރުގައި ދެއްވި ތަގުރީރެއްގައިވެސް އެމަނިކުފާނު ދެއްވާނީ ކޮރަޕްޝަނަށް ޒީރޯ ޓޮަލަރެންސް ކަމަށް ވިދާޅުވި ވިދާޅުވިވުމަށް އިޝާރާތްކުރައްވާ އެހެން އެކަން ނުހިނގާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާޙިމު ޝުޖާއު އާ ގުޅުން ހުރި އެފްއައިޔޫ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާ 11 މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު އޭގެ އެންމެ ހިސާބު އަކުރެއްގެ މައްސަލަވެސް ބެލިފައި ނުވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ ކޮރަޕްޝަނަށް ދެއްވަނީ ޒީރޯ ޓޮަލަރެންސް ކަމުގައިވަނީ ނަމަ ރައީސް މުއިއްޒު، ޝުޖާއުގެ މައްސަލަ އަވަސް ގޮތުގައި ބަލާ ނިންމުމަށް ތަހުގީގީ އިދާރާތަކަށް އަމުރުކުރުމަށް ޗެލެންޖު ކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، މިހާރު ރާއްޖެ އޮތް ކޮރަޕްޝަންގެ ރޭކިންގައި ދުނިޔޭގެ އިދާރަތަކުގެ ފަހި ރޭޓިން ރާއްޖެއަށް ނުލިބޭނެ ކަމަށެވެ.