ވ. އަތޮޅު ކުޑަ އަންބަރާއާ ދިމާ ތިން މޭލު ބޭރުގައި އޮއްވާ އަލިފާން ރޯވި ސަފާރީގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ އެ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 17:54 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފަ އެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ސަފާރީގައި ތިބި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެނުންނާއި 12 އަންހެނުން ކަމަށެވެ. އަދި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިނާއި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފަ އެވެ.
ސަފާރީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް އަލިފާން އެއްކޮށް ނިއްވާނުލެވެ އެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.