އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގެ ގިލިލަންކަންފުށީ ރިސޯޓުގެ ފަރަށް އަރައިފިއެވެ.
މަނަވަރު ވަރަށް ބޮޑަށް ރިސޯޓުގެ ފަރަށް އަރާފައި އޮތް އިރު، ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ދިވެހި ސިފައިންނާއި ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އާ ސުވާލު ކުރުމުން ބުނީ އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ މިހާރު ފުންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު އެމްއެންޑީއެފުން ނުދެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެމްއެންޑީއެފުން ވަނީ އިންޑިއާ ކޯސްޓްގާޑުގެ އައިސީޖީ ޑޯނިއާ، އައިސީޖީއެސް އަޓްލްޔާ އަދި އައިސީޖީއެސް ވަޖްރާ ރާއްޖެ އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސްރީލަންކާގެ މަނަވަރެއް ވެސް ވަނީ މިއަދު ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިއީ ރާއްޖެ، އިންޑިއާ އަދި ލަންކާ ގުޅިގެން ބާއްވާ "ދޯސްތީ 17" އެކްސަސައިޒް ފެށުމަށް ރާއްޖެ އައި މަނަވަރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ބޭރުގެ ބޮޑެތި ބޯޓު ފަހަރު ރާއްޖޭ ފަރަށް އެރުމުގެ ހާދިސާތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވާއިރު އިންޑިއާގެ މި މަނަވަރު ޖޫރިމަނާ ކުރާނެތޯ އީޕީއޭގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނި އަދި ކާމިޔާބުވާ ގޮތް ނުވެފައެވެ.