April 3, 2026
Advertisement
-
- / އެމްއެންޑީއެފް

ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް މުބާރާތުން ރަން މެޑަލް ހޯދި އެމްއެންޑީއެފްގެ ޓީމު ރާއްޖެ އަތުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 15, 2026, 02:11 AM
މާލެ ސިޓީ

ޕާކިސްތާނުގައި ބޭއްވި ހަތްވަނަ "ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް" (ޕެޓްސް) މުބާރާތުން ރަން މެޑަލް ހާސިލުކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

Advertisement

ޕާކިސްތާނުގައި ކުރިއަށްދިޔަ މި މުބާރާތަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި ބާއްވާ އެންމެ އުނދަގޫ އަދި ވާދަވެރި އެއް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 16 ޤައުމަކުން ޖުމްލަ 24 ޓީމު ބައިވެރިވެފައިވެއެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތަކީ ސިފައިންގެ އަސްކަރީ ހުނަރުވެރިކަމާއި، އަޚްލާޤާއި، ހިތްވަރާއި ޢަޒުމް ވަޒަންކުރުމަށް ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން ބައިވެރިންގެ ބުންވަރާއި، ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން، އުނދަގޫ ޙާލަތްތަކުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން މި މުބާރާތުގައި ޓެސްޓު ކުރެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާ ވާދަކޮށް ދިވެހި ސިފައިން ހޯދި މި ކާމިޔާބީއަކީ ދިވެހި އަސްކަރިއްޔާއަށާއި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ. މި ކާމިޔާބީއާއެކު ދިވެހި ސިފައިންގެ ޤާބިލުކަމާއި ހުނަރުވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި ވަނީ ސާބިތުކޮށްދީފައެވެ.

ރަން މެޑަލް ހޯދި ޓީމު ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ބޭފުޅުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved