April 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުހައްމަދު އަލީ ޖިނާހްގެ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 26, 2025, 03:28 PM
މާލެ ސިޓީ

ޕާކިސްތާނުގެ ބާނީ، ޤުއައިދު-އަލް-އަޒަމް މުޙައްމަދު އަލީ ޖިނާހްގެ 148 ވަނަ އުފަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަން އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރ ވައިސް އެޑްމައިރަލް ރިޓަޔާޑް ފައިސަލް ރަސުލް ލޮދީ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ރަސްމިއްޔާތުގައި ޖިނާހްގެ ޤައުމީ ޚިދުމަތްތަކާއި ޕާކިސްތާން އުފެއްދުމުގައި އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރުގެ މައްޗަށް ހައި ކޮމިޝަނަރ ލޮދީގެ ވާހަކައިގައި އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވަނީ ޖިނާހްގެ ހަރުދަނާ ލީޑަރޝިޕާއި، މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ޕާކިސްތާނުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ވިސްނުންފުޅުތަކުން ނެގޭނެ ފިލާވަޅުތަކުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. ޖިނާހްގެ ޚިޔާލުފުޅުތަކަކީ ޕާކިސްތާނުގެ މުސްތަގުބަލަށްޓަކައި އަބަދުވެސް މުހިންމު ދިރިހުރި ވިސްނުންތަކެއްކަން ލޮދީ ފާހަގަކުރެއްވިއެވެ.

މުޙައްމަދު އަލީ ޖިނާހް (1876-1948) އަކީ ޕާކިސްތާނުގެ ބާނީ، ޤާއިދު-އަލް-އަޒަމްގެ ގޮތުގައި މަޝްހޫރުވެފައިވާ ވަރަށް މުހިންމު ސިޔާސީ ޝަޚްސިއްޔަތެކެވެ. އިންޑިއާގެ މުސްލިމުންނަށް ވަކި ދައުލަތެއް ޤާއިމުކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ ތާރީޚީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެކެވެ. ޤާނޫނީ ވަކީލެއްގެ ގޮތުންނާއި، އިންޑިއާގެ މުސްލިމް ލީގުގެ ލީޑަރެއްގެ ހައިސިއްޔަތުން، 1947 ވަނަ އަހަރު ޕާކިސްތާނު އުފެއްދުމުގައި އެމަނިކުފާނު ވަނީ ނުހަނު މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނުގެ ހަރުދަނާ ލީޑަރޝިޕާއި، ދުރު ރާސްތާގެ ވިސްނުންފުޅުތަކަކީ މިއަދުވެސް ޕާކިސްތާނުގެ ރައްޔިތުންނަށް ނަމޫނާއެކެވެ.

މީގެ އިތުރުން، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ދިގު ތާރީޚެއްގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެކެވެ. އިސްލާމީ އަޚްވަންތަކަމާއި، ސަގާފީ އެއްގޮތްކަން ހިމެނޭ ގޮތަށް ގިނަގުނަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަނީ ބަދަހިވެފައެވެ. ހާއްސަކޮށް ތަޢުލީމާއި، ދިފާޢީ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުންދެއެވެ. މިފަދަ ރަސްމިއްޔާތުތަކަކީ ދެޤައުމުގެ ގުޅުމުގެ މުހިންމުކަން ރަމްޒުކޮށްދޭ އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މުޙައްމަދު އަލީ ޖިނާހްގެ އުފަންދުވަސް ފާހަގަކުރުމަކީ ޕާކިސްތާނުގެ ތާރީޚާއި ސަގާފަތަށް ދެވޭ އިހްތިރާމެއްގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ ރަނގަޅު ބިންގަލެކެވެ. މި ދެ ގައުމުގެ ގުޅުން، ހަމަޖެހުމާއި ތަރައްޤީއަށް ދެފަރާތުންވެސް ކުރާ މަސައްކަތްތަކާއެކު، ކުރިމަގުގައިވެސް މިހާރަށްވުރެ ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved