ދެކުނު އޭޝިއާގެ ސަރަޙައްދުގެ ސިޔާސީ ހޫނުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝާރިފްގެ ޕާޓީގެ އިސް ލީޑަރަކު ވަނީ އިންޑިއާއިން ބަންގްލަދޭޝްއަށް އަސްކަރީ ހަމަލާއެއް ދީފިނަމަ، ޕާކިސްތާނުން ބަންގްލަދޭޝް ދިފާއުކޮށްދޭނެ ކަމަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މި އިންޒާރު ދީފައިވަނީ އިންޑިއާގެ ބާރުތައް ބަންގްލަދޭޝްގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކެއްގެ ތެރޭގައެވެ.
ޕާކިސްތާނުގެ ޕާޓީ ލީޑަރުގެ މި ބަސްފުޅުތައް އާންމުކޮށްފައިވަނީ، ބަންގްލަދޭޝްގެ ޖެންޒީ ލީޑަރެއް ޝަހީދުކޮށްލުމުގެ ހާދިސާގައި އިންޑިއާގެ ރޭވުމެއް ހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށެވެ.
ޕާކިސްތާނުގެ މި ވާހަކަތަކަށް އިންޑިއާއިން ރަސްމީ ސިފައެއްގައި މިހާތަނަށް ރައްދު ދީފައިނުވެއެވެ.
މީގެ އިތުރުން، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ބަންގްލަދޭޝްގެ ކޯޓުން މަރުގެ ހުކުމް އިއްވާފައިވާއިރުވެސް މޯދީ ސަރުކާރުން އަންނަނީ ހަސިނާއަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ.
ދެކުނު އޭޝިއާގެ ތިން މުހިންމު ގައުމު ކަމަށްވާ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ގުޅުންތަކަށް ބަލާއިރު، 1947 ވަނަ އަހަރު ބްރިޓިޝް އިންޑިއާ ބައިބައިވެ އިންޑިއާ އާއި ޕާކިސްތާން އުފެދުނީއްސުރެ މި ދެ ގައުމުގެ ގުޅުން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކަޝްމީރުގެ މައްސަލައާއި ދޭދޭ ހަނގުރާމަތަކުގެ ސަބަބުން މި ދެ ގައުމުގެ ދެމެދުގައި އަބަދުވެސް ވަނީ ދެކޮޅުވެރިކަމެވެ.
އަދި 1971 ވަނަ އަހަރާ ހަމައަށް ބަންގްލަދޭޝް (އޭރު އިރުމަތީ ޕާކިސްތާން) އޮތީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައެވެ. އެ އަހަރު ހިނގި މިނިވަންކަމުގެ ހަނގުރާމައިގައި އިންޑިއާގެ އެހީތެރިކަމާއެކު ބަންގްލަދޭޝް މިނިވަން ދައުލަތަކަށް ވެގެން ދިޔުމާއެކު، ޕާކިސްތާނާ އެ ގައުމުގެ ގުޅުންތަކުގައި އަބަދުވެސް ތާރީޚީ ގޮންޖެހުންތަކެއް ހުރެއެވެ. އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ވަނީ ވަރަށް ގާތްކޮށެވެ. ސަގާފީ އަދި ބޯޑަރު ގުޅުންތަކުގެ އިތުރުން ސިޔާސީ އަދި އިގްތިސާދީ ގޮތުންވެސް ގާތްކަމެއް މި ދެ ގައުމުގެ ދެމެދުގައި އޮވެއެވެ. ނަމަވެސް ބަންގްލަދޭޝްގެ އެތެރޭގެ ބައެއް ސިޔާސީ ހަރަކާތްތަކުން އިންޑިއާގެ ނުފޫޒާ މެދު ކަންބޮޑުވުން ފާޅުކުރެއެވެ.
ޕާކިސްތާނުގެ މި އިންޒާރުތަކާއެކު ދެކުނު އޭޝިއާ ސަރަޙައްދުގެ ސިޔާސީ ޙާލަތު އިތުރަށް ގޯސްވެ، ކުރިއަށް އޮތް ތަނުގައި މި ގައުމުތަކުގެ ގުޅުންތައް ބަދަލުވެގެންދާނެ ގޮތްތަކާމެދު ސިޔާސީ މާހިރުން ދަނީ ބުނަމުންނެވެ.