theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަރުކާރު ވެރިންނަށް މުހިންމީ މަޤާމު، ޤައުމެއް ނޫން! / ތޭރަގްރެފިކްސް
ހަބަރު
ސަރުކާރު ވެރިންނަށް މުހިންމީ މަޤާމު، ޤައުމެއް ނޫން!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 ޑިސެމްބަރު 2025
މާލެ ސިޓީ

ދުނިޔޭގެ ނިސްބަތުގައި ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި، ސާފު ދޮންވެލި، އަދި ނޫކުލައިގެ ފެހިކަންގަދަ މޫދަށް މަޝްހޫރު ވެފައިވާ އާދަޔާޚިލާފު މުއްސަނދި ޤައުމެކެވެ. ދުނިޔޭގެ "ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުން މަޝްހޫރުވެފައިވާ މިފަދަ ގައުމެއްގެ މުސްތަގުބަލު ބިނާވެފައިވަނީ މި ގުދުރަތީ ރީތިކަމުގެ މައްޗަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުގެ އިހުމާލާއި، މަގާމާއި ފައިސާއަށް ދެވިހިފުމުގެ ސަބަބުން، މި އަގުނުކުރެވޭ ރީތިކަން އަމިއްލަ އަތުން މިދަނީ ހަލާކު ކުރަމުންނެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ތަރައްޤީގެ މަޝްރޫޢުތަކުގެ ނަމުގައި މި ސަރުކާރުން އަންނަނީ ހަލާކުކުރަމުންނެވެ. ރިސޯޓުތަކުގެ ކައިރިންނާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ކައިރިން ވެލި ނަގާ، ފަރުތައް ދަނީ ހަލާކުކުރަމުންނެވެ. ވެލި ނެގުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ހިންގުމުގައި ތިމާވެއްޓަށް ކުރާނެ އަސަރުތަކަށް އެއްވެސް ބެލުމެއްނެތި، ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މޫދުގައިވާ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ރާއްޖޭގެ ފަރުތަކަކީ ދުނިޔޭގައިވެސް ނިސްބަތުން ރީތި ފަރުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ.

ޓުއަރިޒަމްއަށް ބަރޯސާވެފައި އޮންނަ މިފަދަ ގައުމެއްގެ މަލަމަތި މިފަދައިން ހަޑިވުމަކީ ދިގު ރާސްތާއަށް ބަލާއިރު ގައުމުގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. 2000 ނުވަތަ 3000 ޑޮލަރު ނުވަތަ އެއަށްވުރެ އިތުރަށްވެސް ރެއަކަށް ޚަރަދުކޮށްގެން ރާއްޖޭގެ ރީތިކަން ބަލަން އަންނަ މީހުންނަށް، ރިސޯޓްތަކުގެ ކުރިމަތިން ވެލިނަގާ މަންޒަރު ދައްކަން ޖެހުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ލިބޭނެ ބޮޑު ހުތުރުނަމެކެވެ. މިފަދަ ކަންކަމުން ރާއްޖޭގެ ޓޫރިޒަމްގެ މާކެޓަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއިރު މިކަމަށް ޒިންމާދާރުވާނެ ފަރާތެއްވެސް މި ސަރުކާރުގައި ނެތެވެ. މިއީ ފަތުރުވެރިކަމުގެ ވުޒާރާއާއި ތިމާވެށީގެ ވުޒާރާއާއި ގުޅިގެން ހިންގާ ޖަރީމާއެއްކަން ގައިމެވެ.

މިފަދަ ކަންކަމުން ދޭހަވަނީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިމާވެށި މުހިންމެއް ނޫންކަމެވެ. މުހިންމީ މަގާމާއި ފައިސާއެވެ. ތިމާވެއްޓާބެހޭ މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރުވެސް ހުންނެވީ "ރަދުން" ވިދާޅުވާ ގޮތަކަށް ކަންކަން ކުރުމަށް ތައްޔާރަށެވެ. ޤައުމުގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރަންޖެހޭ މިނިސްޓްރީތަކުންވެސް މިކަމަށް މަސައްކަތްކުރުން ވަނީ ހުއްޓާލާފައެވެ.

ރާއްޖެއަކީ ދިގު ތާރީޚެއް އޮތް ބަޔަކު ދިރިއުޅޭ ކަނޑުގެ ރަށްތަކެކެވެ. ރާއްޖޭގެ ވުޖޫދު ބިނާވެފައިވަނީ ގުދުރަތީ މޫދުގައެވެ. ރަށްތަކުގެ ހިމާޔަތަށް ފަރުތަކާއި، ގޮނޑުދޮށްތަކަކީ ކޮންމެހެންވެސް ބޭނުންވާ ތަކެއްޗެވެ. މިފަދަ ތަކެތި ހަލާކުކުރުމަކީ ރާއްޖޭގެ ވުޖޫދަށްވެސް ނުރައްކާ ކުރާނެ ކަމެއްކަން ސަރުކާރުން ދެނެގަންނަންޖެހެއެވެ. ޤައުމަށް ވެރިންގެ ފަރާތުން މިދެވޭ އިހުމާލަކީ، ގައުމަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.

މިހާރު މިފެންނަ ގޮތުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ހަލާކުކުރުމަކީ ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމެކެވެ. ގައުމުގެ ވެރިންނަށް ޤައުމުގެ ދިގު މުސްތަގުބަލަށްވުރެ މުހިންމީ އަމިއްލަ މަގާމާއި ފައިސާއަށްވުމުން، ގައުމުގެ ރައްޔިތުންނަށް ދިމާވާނެ ކަންކަމުގެ ތެރޭގައި ތިމާވެށީގެ ނުރައްކާތަކުގެ އިތުރުން އިގްތިސާދީ ދަތިތަކަކީ ވެސް އެންމެ ބޮޑު ކަންތައްތަކެވެ. ޓޫރިޒަމް މިނިސްޓްރީއާއި ތިމާވެއްޓާބެހޭ މިނިސްޓްރީއިން އަވަހަށް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކޮށް، ގައުމުގެ ދިގު މުސްތަގުބަލަށްޓަކައި ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް އިސްކަންދޭންޖެހެއެވެ. މަޝްރޫއުތަކަށް ވެލި ނަގަން އިތުރު އެތަކެއް ބައިވަރު އޮޕްޝަންތައް ހުރި އިރު އެތަންތަނުގެ ބޭނުން މިހާރުވެސް ކުރަން ޖެހެއެވެ. ނޫންނަމަ، "ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުން މަޝްހޫރުވެފައިވާ ރާއްޖެއަކީ ހަމައެކަނި ފޮތްތަކުން ފެންނާނެ މާޒީއެއް ކަމުގައި ވެދާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved