އިންޑިއާ-ބަންގްލަދޭޝް ބޯޑަރު ކައިރީގައި ދަނޑުވެރިކަން ކުރާ ބަންގްލަދޭޝްގެ ރަށްރަށުގެ މީހުންގެ އަތުން ބަކަރިތަކެއް އިންޑިއާގެ ބޯޑަރު ސެކިއުރިޓީ ފޯސް (ބީއެސްއެފް) ގެ މެމްބަރުން ވަގަށް ނަގާފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ބޮޑަށް ރިޕޯޓްކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޯޑަރު ސަރަހައްދެއްގައި ދަނޑުވެރިން ގިނައިން ދަނޑުވެރިކަމުގެ ބާވަތްތައް ގެންގުޅޭ ހިސާބެއްގައެވެ. އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި، ބީއެސްއެފްގެ މުވައްޒަފުން ވަނީ ބޯޑަރު ހުރަސްކޮށް ނުވަތަ ބޯޑަރު ކައިރީގައި ތިބި ބަކަރިތައް އެއްވެސް ހުއްދައަކާ ނުލައި އަތުލައިގަނެފައެވެ. މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުން ވަނީ އެ ޖަނަވާރުތަކަކީ ބަންގްލަދޭޝްގެ ދަނޑުވެރިންނަށް ނިސްބަތްވާ ޖަނަވާރުތަކެއް ކަމަށް ބުނެ ވަރުގަދަ މުޒާހަރާއެއް ކޮށްފައެވެ.
މި ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ހިނގާފައިވާ މިފަދަ ހާދިސާތަކުގައި ބީއެސްއެފް އިން ބުނެފައިވަނީ، ބޯޑަރު ހުރަސްކޮށް ގަވާއިދާ ހިލާފަށް ދޫނި ގެންގުޅުމާއި ގުޅިގެން އޮޅުން ބޮޅުން ތަކެއް ދިމާވަނީ ކަމަށެވެ. ނަމަވެސް މިފަހަރުގެ ތުހުމަތުތަކަށް އިންޑިއާ ފަރާތުން ދޭނެ ރަސްމީ އެއްވެސް ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ.
ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިފަދަ ދަނޑިވަޅެއްގައި އިންޑިއާގެ ސިފައިންގެ ފަރާތުން މިފަދަ އަމަލެއް ފެނިގެން ދިޔުމަކީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
މިފަދަ ހާދިސާތަކުގެ ސަބަބުން ދޭތެރެ ދޭތެރެއިން ދެޤައުމުގެ ގުޅުންތައް ގޯސްވެ، ހަމަޖެހުމަށް މީގެ ކުރިންވެސް ބުރޫ އަރާފައިވެއެވެ. ނަމަވެސް، ބީއެސްއެފް ފަދަ އިންޑިއާގެ ރަސްމީ ބާރެއްގެ ފަރާތުން މިފަދަ ހަރަކާތްތައް ހިންގުމަކީ ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ނަފްރަތާއި ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ފާހަގަކުރެއެވެ.
ބަންގްލަދޭޝްގެ ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނައަށް އިންޑިއާގެ މޯދީ ސަރުކާރުން ހިމާޔަތް ދެމުންދާތީ ބަންގްލަދޭޝް ރައްޔިތުން އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.