އެންމެ ގިނަ މީހުން ތިބި ޕާޓީ ކަމަށް ދެއްކުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (އައިޑީ ކާޑު ޔުނިޓުން) މައުލޫމާތު "ވައްކަންކޮށްގެން" 60,000 މީހުންގެ މެންބަރޝިޕް ލިބުނު ކަމަށް ބުނާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި، ވޯޓުލީ މީހުންގެ އަދަދު 10,000 އަށްވެސް ނުފޯރާކަން ހާމަވެއްޖެއެވެ.
މިއީ އެ ޕާޓީއަށް ރައްޔިތުން ތާއީދު ހުރި މިންވަރު ހާމަވެގެން ދިޔަ އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މިހާ މަދު މީހުން ވޯޓުލީ ނަމަވެސް، ޕާޓީގެ ދަފްތަރުގައި 60,000 މެންބަރުން ތިބިކަމަށް ދައުވާ ކުރުމަކީ ހަމަ ބޮޑު ޖޯކެކެވެ.
ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ދެއްކުމަށްޓަކައި، ރައްޔިތުންގެ މައުލޫމާތު ވަގަށް ނަގައިގެން ޕާޓީގެ ދަފްތަރަށް މީހުން ވައްދާފައިވާ އަޑުތައް ފެތުރިފައިވާއިރު އަމިއްލަ އެތެރޭގެ އިންތިޚާބެއްގައި ވޯޓުލާނެ މީހުންވެސް ނުލިބުމުން، މިފަދަ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ.
އިއްޔެ ކުރިއަށް ދިޔަ މި އިންތިޚާބަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު، ޕީއެންސީގެ ދަފްތަރުގައި ހިމެނޭ 60,000 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ ހަމަ އެންމެ 8,000 މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އަދަދުގައި ޕާޓީގެ ދަފްތަރުގައި ތިބިކަމަށް ބުނާ މެންބަރުންގެ %15 އަށްވުރެވެސް މަދު މީހުން ހިމެނޭތީ، ޕާޓީގެ ހަގީގީ ސަޕޯޓަރުންގެ އަދަދު މިހާ ހިސާބުގައި ހުރިކަން ސާފުކޮށް ހާމަވެގެންދެއެވެ. އެހެންކަމުން، އެމީހުން ދައުވާ ކުރާ 60,000 މެންބަރުންނަކީ ހަމައެކަނި ކަރުދާސްކޮޅެއްގެ މަތީގައި އޮތް ހަގީގަތެކެެވެ.
މިކަމުން ހާމަވެގެންދަނީ ރައީސް މުއިއްޒަށް ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނެފި ކަމެވެ. އަދި ޕީއެންސީއަށް ރައްޔިތުންގެ ތެރެއިން އެއްވެސް ތާއީދެއް ނެތްކަމެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނު ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި މިހާ މަދު މީހުން ވޯޓުލުމަކީ، ރައީސް މުއިއްޒަށް އޮތް ސަޕޯޓްގެ ހަގީގަތް ހާމަކޮށްދިން ކަމެއްކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. މިއީ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށްވެސް އެކި ފަރާތްތަކުން ސިފަކޮށްފައިވެއެވެ.
ޕީއެންސީން މިހާތަނަށް ޖަލްސާތަކަށްވެސް ގަދަ ބާރުން މީހުން ގެންގޮސްގެންވެސް މޮޅުތަކެއް ހޯދުމަށް ނުކުޅެދުނެވެ. މިފަހަރުގެ އެތެރޭގެ އިންތިޚާބުންވެސް ވީ ބޮޑުތަނުން ފެއިލްއެވެ. ޕާޓީއަށް އޮތް ތާއީދު އެވަރަށް ދަށްކަން މި އިންތިޚާބުގެ ނަތީޖާއިން ވަނީ ސާފުކޮށް ހާމަވެފައެވެ. ވައްކަންކޮށްގެން ހެދިކަމަށް ތުހުމަތުކުރެވޭ 60,000 މީހުންގެ ދަފްތަރަކުން ވެސް 10,000 މީހުންނަށްވުރެ މަދު އަދަދަކުން ވޯޓު ލީމާ 2028 އިންތިޚާބުގެ ނަތީޖާ މިހާރުވެސް ވަރަށް ސާފުވެގެން ގޮސްފިއެވެ.